ޔުއެފާ ޗެމްޕިއަންސް ލީގުގައި ރޭ ރިއަލް މެޑްރިޑް އަތުން 2-0 ލަނޑުން ލިވަޕޫލް މޮޅުވެ، 15 އަހަރު ފަހުން މެޑްރިޑްގެ މައްޗަށް ލިވަޕޫލް ފުރަތަމަ މޮޅު ހޯދައިފިއެވެ. އެންމެ ފަހުން ހޯދި މޮޅަކީ 2009 ވަނަ އަހަރު ކަމުން މި ނަތީޖާއަކީ މުހިންމު ކާމިޔާބީއެކެވެ.
އެންފީލްޑްގައި ކުޅުނު މި މެޗުގެ 51 ވަނަ މިނެޓްގައި އެލެކްސިސް މެކް އަލިސްޓާ ވަނީ ގޯލް ހުޅުވާލާފައެވެ. އޭގެ ނުވަ މިނެޓް ފަހުން މެޑްރިޑަށް ނަތީޖާ ހަމަހަމަ ކުރުމުގެ ފުރުސަތެއް ލިބުނު ނަމަވެސް، ކިލިއަން އެމްބާޕޭ ފޮނުވާލި ޕެނަލްޓީ ލިވަޕޫލްގެ ކީޕަރު ވަނީ ދިފާއުކޮށްފަ އެވެ.
މެޗުގެ 70 ވަނަ މިނެޓުގައި ލީޑު ފުޅާކުރަން ލިވަޕޫލަށް ވެސް ޕެނަލްޓީއެއް ލިބުނެވެ.
ލިވަޕޫލްގެ ޕެނަލްޓީ ސަލާހު ކުރިއަށް ފޮނުވާލުމުން ގޯލާއި އަމާޒުނުވެ ބޭރަށްދިޔައިރު، އެޓީމުން ލީޑު ފުޅާކުރި ލަނޑު 76 ވަނަ މިނެޓުގައި ކާމިޔާބުކޮށްދިނީ ދެވަނަ ހާފުގައި ބަދަލުކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނިކުތް ނެދަލޭންޑްސް ފޯވާޑް ކޯޑީ ގައްޕޯ އެވެ.
މި މޮޅާއެކު ލިވަޕޫލް ޗެމްޕިއަންސް ލީގުގެ އެއްވަނައިގައި އޮތީ ފަސް މެޗުން ލިބުނު 15 ޕޮއިންޓާއެކުގައެވެ. މީގެއިތުރުން އެންމެ ފަހުގެ ޗެމްޕިއަން ރިއާލް މެޑްރިޑަށް އުނދަގޫތަކެއް ކުރިމަތިވެ، ފަސް މެޗަށްފަހު އެންމެ ހަ ޕޮއިންޓާއެކު 36 ޓީމުގެ ތާވަލުގެ 24 ވަނައިގައި އެބައޮތެވެ.
މި ބަލިވުމަކީ އޭސީ މިލާން އަތުން 3-1 އިން ބަލިވި ރިއާލް މެޑްރިޑް މުބާރާތުގައި ޖެހިޖެހިގެން ބަލިވި ދެވަނަ މެޗެވެ. އެއާއި ޚިލާފަށް ލިވަޕޫލް އޮތީ ރަނގަޅު ފޯމެއްގައެވެ، މީގެ ކުރިން ކުޅުނު މެޗު ބަޔާން ލެވަކޫސަން އަތުން 4-0 އިން މޮޅުވެފައިވާ ކަން ވެސް ފާހަގަ ކުރެވެއެވެ.









