ޗައިނާ އަދި އިންޑިއާ ސަރުކާރުން ދިވެހިރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރުން، އެ ދެ ބޭފުޅުންގެ ދައުރު ނިމުމާއި ގުޅިގެން ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލާއި ވަކިވަކިން ބައްދަލުކުރައްވައިފިއެވެ. މި ބައްދަލުވުންތައް ބޭއްވުނީ ޚާރިޖީ ވުޒާރާގައެވެ.
ޗައިނާ ސަފީރު ވޮންގ ލިޝިންއާއެކު ބޭއްވުނު ބައްދަލުވުމުގައި، ވޭތުވެދިޔަ އަހަރު ތެރޭގައި ކުރެވުނު މުހިންމު މަސައްކަތްތަކާއި ޙާޞިލުކުރެވުނު ކާމިޔާބީތަކުގެ މައްޗަށް މަޝްވަރާކުރެވުނެވެ. ޚާރިޖީ ވަޒީރު ވަނީ ޗައިނާ ސަފީރުގެ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. ހަމައެހެންމެ، ޗައިނާ ސަފީރުވެސް ވަނީ ދިވެހި ސަރުކާރުގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިވާނެކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.
އިންޑިއާ ސަފީރު މަނޫ މަހާވަރުއާއެކު ބޭއްވުނު ބައްދަލުވުމުގައި، ފާއިތުވި އަހަރުގެ ކާމިޔާބީތަކާއި، ރައީސުލްޖުމްހޫރިއްޔާގެ އިންޑިއާ ދަތުރުފުޅުގައި އެއްބަސްވެވުނު ކަންކަމާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ. ޚާރިޖީ ވަޒީރު ވަނީ ރާއްޖޭގެ ތަރައްޤީއަށް އިންޑިއާ ސަރުކާރުން ދެއްވާ އެހީތެރިކަމާއި، އިޤްތިޞާދީ ގުޅުން ބަދަހިކުރުމަށް އެޅުނު ފިޔަވަޅުތައް ފާހަގަކުރައްވާފައެވެ.
އިންޑިއާ ސަފީރުވެސް ވަނީ ދިވެހި ސަރުކާރުގެ އެއްބާރުލުމަށް ޝުކުރު އަދާކުރައްވައި، ދެ ޤައުމުގެ ގުޅުން އިތުރަށް ވަރުގަދަވާނެކަމުގެ އުންމީދު ފާޅުކުރައްވާފައެވެ.
މި ދެ ބައްދަލުވުމުގައިވެސް، ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ކުރެވުނު މަސައްކަތްތަކާއި، ކުރިއަށް ރޭވިފައިވާ މަޝްރޫޢުތަކާއި ބެހޭގޮތުން މަޝްވަރާކުރެވުނެވެ.









