ބޭރު ފައިސާއާ ބެހޭ ބިލުގައި 500 ޑޮލަރު މާރުކުރަންޖެހޭ ގޮތަށް އޮތުމަކީ ވަރަށް ރަނގަޅު ކަމެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް މުޢިއްޒު ވަނީ މިކަމަށްޓަކައި މޯލްޑިވްސް މަނިޓަރީ އޮތޯރިޓީ (އެމްއެމްއޭ) އަށް ޝުކުރު ދަންނަވާފައެވެ. އަދި 17 ނޮވެމްބަރު 2024 ގައި ވިދާޅުވި ފަދައިން، ޤަވާޢިދު ތަންފީޒުކުރުން ވަރުގަދަ ކުރުމަށްޓަކައި އެމްއެމްއޭ އިން އިސްނަގައިގެން ބޭރު ފައިސާއާ ބެހޭ ޤާނޫނެއް ހެދިގެން ދިއުމަކީ މުހިންމު ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ޤާނޫނުގެ ސަބަބުން ރިސޯޓުތަކަށް އަންނަ ކޮންމެ ޓޫރިސްޓަކަށް 500 ޑޮލަރު މާރުކުރެވިގެންދާނެ ކަމަށެވެ. މީގެ އިތުރުން، ޓޫރިޒަމް ނޫން ދާއިރާތަކުންވެސް ވަކި ވަރަކަށްވުރެ ގިނައިން ޑޮލަރު އާމްދަނީ ލިބޭނަމަ، ޑޮލަރު މާރުކުރަންޖެހޭ ގޮތަށް ހިމަނާފައިވުމުން ބޭންކިންގ ނިޒާމުގައި ދައުރުވާ ޑޮލަރު ކުރިން އަންދާޒާކުރި ވަރަށްވުރެ އިތުރުވެގެންދާނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
މި ބަދަލުތަކުގެ ނަތީޖާއަކަށް ވެގެންދާނީ އާންމު ރައްޔިތުންނަށާއި ކުދި އަދި މެދު ފަންތީގެ ވިޔަފާރިވެރިންނަށް ޑޮލަރުގެ ތިޔާގިކަން ލިބިގެންދިއުން ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، 2025ގެ ޖުލައި މަހުން ފެށިގެން ސަރުކާރު ހިއްސާވާ ކުންފުނިތަކުން ޕެރަލަލް މާކެޓަށް ނުގޮސް ރަސްމީ ރޭޓުގައި ޑޮލަރު ލިބޭނެ އިންތިޒާމެއް ޤާއިމުކުރެވޭނެ ކަމަށާއި، 2026ގެ ފުރަތަމަ ކުއާޓަރުގައި ވެލާނާ އިންޓަރނޭޝަނަލް އެއަރޕޯޓުން ފުރާ ކޮންމެ ދިވެއްސަކަށް ލިބޭ 500 ޑޮލަރު ދެގުނަކޮށް 1000 ޑޮލަރަށް ހެދޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، 2026ގެ ފުރަތަމަ ކުއާޓަރުގައި ކްރެޑިޓް ކާޑު ލިމިޓްތައް ބޮޑުކުރެެވޭނެ ކަމަށާއި، 2025ގެ ޖުލައި މަހުން ފެށިގެން ދިވެހި ވިޔަފާރިވެރިންނަށް ތަކެތި އިމްޕޯޓްކުރުމުގެ ގޮތުން ބޭންކުތަކަށް ޓީޓީ ހެދުމަށް ދޫކުރާ ޑޮލަރުގެ ނިސްބަތް އިތުރުކުރެވޭނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ، އާންމު ރައްޔިތުންނަށް ފައިދާ ހުރި މިފަދަ ކޮންމެ ކަމެއް ކުރުމަށް ސަރުކާރުން މި ކުރާ މަސައްކަތަށް ދެއްވާ ފުރިހަމަ އެއްބާރުލެއްވުމަށް ދިވެހި އެންމެހާ ލޮބުވެތި ރައްޔިތުންނަށް ޝުކުރު ދަންނަވާ ކަމަށެވެ.









