ދިވެހިރާއްޖޭގެ ޒަކާތު ފަންޑުން ޣައްޒާގެ ރައްޔިތުންނަށް ހަދިޔާކުރުމަށް ނިންމާފައިވާ އެއްލައްކަ ޑޮލަރު، ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ޙަވާލުކުރުމަށް އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފައިސާ ޙަވާލުކުރުމަށް އެ މިނިސްޓްރީއާއި ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ދެމެދު މިއަދު އެއްބަސްވުމެއްގައި ސޮއިކޮށްފައިވާ ކަމަށެވެ.
އޮންލައިންކޮށް ކުރިއަށް ގެންދިޔަ ސޮއިކުރުމުގެ ރަސްމިއްޔާތުގައި މިނިސްޓްރީގެ ފަރާތުން ސޮއިކުރެއްވީ އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދުއެވެ. އަދި ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީގެ ފަރާތުން ސޮއިކުރެއްވީ ސެކްރެޓަރީ ޖެނެރަލް ފައިސަލް މުޙައްމަދު އަލްއެމަދީއެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ފައިސާ ޤަތަރު ރެޑް ކްރެސެންޓް ސޮސައިޓީއާއި ޙަވާލުކުރުމަށް ހަމަޖެހިފައިވަނީ ދެ ޕޭމަންޓަކަށް ބަހާލައިގެން ކަމަށެވެ. އަދި ޒަކާތު ފަންޑުގެ ފަރާތުން ފޮނުވާ އެއް ލައްކަ ޑޮލަރު ޚަރަދުކުރުމަށް ހަމަޖެހިފައިވަނީ ޣައްޒާގެ ރައްޔިތުންނަށް ސާފު ބޯފެން ފޯރުކޮށްދިނުމަށް ޤަތަރު ރެޑްކްރެސެންޓް ސޮސައިޓީން ކުރިއަށް ގެންދާ މަޝްރޫޢަށް ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީޏް ބުނީ މިއީ ޒަކާތު ފަންޑުން ރާއްޖޭން ބޭރުގެ ފަރާތަށް އެހީތެރިކަން ފޯރުކޮށްދޭ ފުރަތަމަ ފަހަރު ކަމަށެވެ. އަދި ފަލަސްޠީނު ރައްޔިތުންނަށް އެހީވުމަކީ ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ އިރުޝާދުގެ ދަށުން ކުރިއަށް ގެންދެވޭ ކަމެއް ކަން މިނިސްޓްރީން ފާހަގަކުރިއެވެ.