ދިވެހިންނަށް ވިސާއާ ނުލައި ތަޖިކިސްތާނަށް ދެވޭ ގޮތް ހަދައިފިއެވެ.
ފޮރިން މިނިސްޓްރީން ނެރުނު ނޫސް ބަޔާނެއްގައި ބުނީ ދިވެހިރާއްޖެއާ ތަޖިކިސްތާނާ ދެމެދު ވިސާ އެގްޒެމްޝަން އެއްބަސްވުމެއްގައި މިއަދު ސޮއިކޮށްފައިވާ ކަމަށެވެ.
ނިއުޔޯކްގައި މިއަދު ސޮއިކުރެއްވި މި އެއްބަސްވުމުގައި ދިވެހި ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ، އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދިވެހިރާއްޖޭގެ ދާއިމީ މަންދޫބު ޑރ. އަލީ ނަސީރު މުޙައްމަދު ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ. އަދި ތަޖިކިސްތާން ސަރުކާރުގެ ފަރާތުން ސޮއިކުރެއްވީ އެ ޤައުމުން އ.ދ. އަށް ކަނޑައަޅުއްވާފައި ހުންނަވާ ދާއިމީ މަންދޫބު ހިޒް އެކްސަލަންސީ ހިކްމަތު ޖޮނިބެކް އިސްމޮއިލް ކަމަށް ފޮރިން މިނިސްޓްރީން ބުންޏެވެ.
ފޮރިން މިނިސްޓްރީން ބުނީ މި އެއްބަސްވުމުގައި ސޮއިކުރުމާއިއެކު، މިހާރުވެސް ޢަމަލުކުރަމުންދާ ޔުނިލެޓަރަލް ވިސާ-ފްރީ ރެޖީމްގެ ދަށުން ވިސާއާއި ނުލާ 30 ދުވަހުގެ މުއްދަތަށް ދެޤައުމުގެ ރައްޔިތުން ދަތުރުކުރުމަށް އޮންނަ އުސޫލު ރަސްމީވެގެންދާނެ ކަމަށެވެ.
ސަރުކާރުން އަންނަނީ ޖަޕާނާއި ޔޫރަޕަށްވެސް ވިސާ ނެތި ދެވޭނެ ގޮތް ހަދަން މަޝްވަރާތައް ކުރަމުންނެވެ. އަދި އެމެރިކާއަށް ދިޔުމުގައި ވިސާ ހޯދުން ފަސޭހަ ކުރުމަށްވެސް ސަރުކާރުން އަންނަނީ މަޝްވަރާތައް ކުރަމުންނެވެ.









