ރާއްޖޭގެ އިރުން އަދި އިރުދެކުނުގައި އުފެދިފައިވާ ދެ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން ކުރިއަށް އޮތް 5 ދުވަހު ވައިބާރު ވާނެކަމަށް ލަފާ ކުރެވޭ ކަމަށް ބުނެ މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން މިއަދު އިންޒާރު ދީފިއެވެ.
މެޓުން މިއަދު ބުނެފައިވަނީ ރާއްޖޭގެ އިރުން، ބޭ އޮފް ބެންގަލްގައި އުފެދިފައިވާ ކޮޅިގަނޑު ކުރިއަށް އޮތް 24 ގަޑިއިރުގެ ތެރޭގައި އިތުރަށް ބާރު ގަދަވާނެ ކަމަށެވެ. އަދި މި ކޮޅިގަނޑު ދަތުރުކުރަމުން ދާނީ ހުޅަނގު އުތުރަށް، އިންޑިއާގެ ޓެމިލްނާޑޫ އާއި ސްރީލަންކާގެ އައްސޭރިފަށާއި ދިމާއަށް ކަމަށް ލަފާނކުރެވޭ ކަމަށް ވެސް މެޓުން ބުންޏެވެ.
މީގެ އިތުރުން، ރާއްޖޭގެ އިރުދެކުނުގައިވެސް ކޮޅިގަނޑެއް އުފެދިފައިވާ ކަމަށް މެޓުން ފާހަގަކޮށްފައިވެއެވެ. މި ދެ ކޮޅިގަނޑުގެ ސަބަބުން އަންނަ ބުދަ ދުވަހުން ފެށިގެން މުޅި ރާއްޖޭގެ ވައި ބާރުވާނެ ކަމަށް މެޓުން ލަފާކުރެއެވެ.
މެޓުން ދިން މަޢުލޫމާތުގައިވާ ގޮތުން، ދެކުނުގެ އަތޮޅުތަކަށް ގަޑިއަކު 15 މޭލާއި 25 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އުތުރާއި މެދު ރާއްޖޭގެ އަތޮޅުތަކަށް ގަޑިއަކު 13 މޭލާއި 23 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެ ކަމަށް ލަފާކުރެއެވެ.
އެހެންކަމުން، ކުރިއަށް އޮތް ދުވަސްތަކުގައި ކަނޑު ދަތުރުކުރާ ފަރާތްތަކާއި މޫދުގެ އެކި ޙަރަކާތްތައް ބާއްވާ ފަރާތްތަކުން މޫސުމަށް ޚާއްޞަ ސަމާލުކަމެއް ދިނުމަށް މެޓުން އިލްތިމާސް ކުރެއެވެ.
މެޓުން އިތުރަށް ބުނީ، ކަނޑު ގަދަވުމުގެ ސަބަބުން ކުރިމަތިވެދާނެ ނުރައްކާތަކުން ސަލާމަތްވެ، ލިބިދާނެ ގެއްލުންތައް ކުޑަކުރުމަށްޓަކައި ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށެވެ.
މިހާރު ރާއްޖޭގެ އެކި ސަރަޙައްދުތަކަށް ދަނީ ވިއްސާރަ ކުރަމުންނެވެ. މެޓުން ފާހަގަކުރި ގޮތުގައި މިހާރު ކުރަމުންދަނީ ދެމޫސުން ބަދަލުވާ ދުވަސްވަރުގެ ވިއްސާރައެވެ.









