އިލެކްޝަން ކޮމިޝަން (އީސީ)ގެ ރައީސް ކަމުގައި ހުންނެވި ފުއާދު ތައުފީގުގެ ދައުރު ހަމަވުމުން ތައިލެންޑުގައި ހުންނަވާ ރާއްޖޭގެ ސަފީރަކަށް އޭނާ އައްޔަންކުރުމަށް ރުހުން ހޯދުމަށް ރައްޔިތުންގެ މަޖިލީހަށް މިއަދު ފޮނުވައިފި އެވެ.
މަޖިލީހުގެ މިއަދުގެ ޖަލްސާގައި އަމީންއާންމު ފާތިމަތު ނިއުޝާ ވަނީ އެކަން އިއުލާންކުރައްވައިފަ އެވެ. އަމީންއާންމު ވަނީ ތައިލެންޑް ސަފީރު ކަމަށް ފުއާދު އައްޔަންކުރުމަށް އެދި ރައީސް ޑރ. މުހައްމަދު މުއިއްޒު ފޮނުއްވާފައިވާ ސިޓީފުޅު މަޖިލީހަށް އިއްވަވައިފަ އެވެ.
އީސީގައި ފުއާދުގެ ދައުރު ހަމަވީ މިދިޔަ ހޮނިހިރު ދުވަހު އެވެ. ދެވަނަ ދައުރަކަށް އޭނާ އެ މަގާމަށް އައްޔަން ކުރެއްވީ ނޮވެމްބަރު، 2019 ގަ އެވެ.
އީސީގެ ގަވާއިދުގައި ބުނެފައިވާ ގޮތުގައި، އެ ކޮމިޝަންގެ މެންބަރުކަން ދެ ދައުރަށް ވުރެ ގިނަ ދައުރު އަދައެއް ނުކުރެވޭނެ އެވެ.
ފުއާދު ވަނީ 1978 ވަނަ އަހަރުން ފެށިގެން ރާއްޖޭގައި ބޭއްވި އެކި އިންތިހާބުތަކުގައި މަސައްކަތް ކުރައްވައިފަ އެވެ.
އީސީގައި އޭނާ އެންމެ ފުރަތަމަ އަދާކުރެއްވީ އިންތިގާލީ ކޮމިޝަންގެ މެންބަރު ކަމެވެ. އޭގެ ފަހުން އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ. ކޮމިޝަަނަކަށް ބަދަލުވުމަށް ފަހު، 2009 ވަނަ އަހަރުގެ ނޮވެންބަރުން ފެށިގެން 2014 ވަނަ އަހަރުގެ މާޗު މަހާ ހަމައަށް ފުއާދު އެ ކޮމިޝަންގެ ރައީސްކަން ކުރެއްވި އެވެ.
ދެވަނަ ދައުރަކަށް އަލުން އީސީގެ މެންބަރު ކަމަށް ވަޑައިގެން ކޮމިޝަންގެ ރައީސްކަމާ ފުއާދު ހަވާލުވެވަޑައިގަތީ 2021 ވަނަ އަހަރުގެ ސެޕްޓެމްބަރު މަހު އެވެ.









