ކަނޑުގެ މަގުން ދިވެހިރާއްޖެއަށް އެތެރެކުރަން އުޅުނު 1.518 ކިލޯގްރާމްގެ މަސްތުވާތަކެތި މޯލްޑިވްސް ކަސްޓަމްސް ސަރވިސްއިން މިއަދު ހިފަހައްޓައިފިއެވެ. މި މައްސަލައާއި ގުޅޭގޮތުން ކަސްޓަމްސްއިން ދީފައިވާ މަޢުލޫމާތުގައިވާ ގޮތުން، އަތުލެވުނު މަސްތުވާތަކެއްޗަކީ މެތަމްފެޓަމިން ކަމަށް ވަނީ ކަށަވަރުކުރެވިފައެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަދު 460 ކިލޯ މަސްތުވާތަކެތި ހިފައިގެން ރާއްޖެ ސަރަހައްދަށް ވަގަށް ވަދެ އުޅުނު ލަންކާގެ މަސްބޯޓެއް ވެސް ވަނީ އަތުލައިގެންފައެވެ.
ސީޕީ އަލީ ސުޖާއު ވިދާޅުވީ އެ ބޯޓު ފެނިފައިވަނީ ހދ. މަކުނުދޫ ބޭރުން ރޭ ދަންވަރު 12:40 ކަން ހާއިރު ކަމަށާއި. މިއަދު ހެނދުނު 9:30 ގައި އެ ބޯޓު ކުޅުދުއްފުށި ސިޓީ ބަނދަރަށް ގެނެސް ފުލުހުން އަރައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާ ކަމަށެވެ.
އަތުލައިގަނެވުނު މަސްތުވާތަކެތި ފުރަތަމަ މަރުހަލާގައި ޓެސްޓު ކުރެވުމުން ވެސް ވަނީ، މަސްތުވާ ތަކެތީގެ ބާވަތެއް ކަމަށްވާ މެތަށާއި ކޮކެއިންއަށް ޕޮޒިޓިވް ވެފައި ކަމަށް ވެސް ސީޕީ ވިދާޅުވިއެވެ.
މި ބޯޓުގައި ތިބީ ލަންކާއަށް ނިސްބަތްވާ 5 މީހުންނެވެ.









