މިއަދުން ފެށިގެން އާސަންދަ ސްކީމްގެ ދަށުން ބޭސް ދޫކުރާއިރު ބޭހާއި ޙަވާލުވާ ފަރާތުގެ ފޯނަށް ޑިސްޕެންސް ކޯޑު ފޮނުވަން އަލުން ފަށާނެކަމަށް އާސަންދަ ކުންފުނިން ހާމަކޮށްފިއެވެ.
އާސަންދަ ކުންފުނިން ބުނީ، ބޭސް ނަގަން އަންނަ ފަރާތުން އައިޑީ ކާޑު ދެއްކުމަށްފަހު ފޯނު ނަންބަރު ދިނުމުން، އެ ނަންބަރަށް ޑިސްޕެންސް ކޯޑު ފޮނުވާނެ ކަމަށެވެ. އަދި ފާމަސިސްޓަށް ބޭސް ދޫކުރެވޭނީ މި ކޯޑު އާސަންދަ ޕޯޓަލްއަށް އެންޓަރ ކުރުމަށްފަހު ކަމަށް ވެސް ވަނީ ބުނެފައެވެ.
މި ބަދަލު ގެނެސްފައިވަނީ އާސަންދަ ނިޒާމު އިތުރަށް ހަރުދަނާކުރުމުގެ މަސައްކަތުގެ ދަށުންނެވެ. މި ނިޒާމުގެ ސަބަބުން ބޭސް ނަގާ ފަރާތްތަކަށް އިތުރު ޔަޤީންކަމެއް ލިބި، ނިޒާމުގެ ރައްކާތެރިކަން އިތުރުވާނެ ކަމަށް ބެލެވެއެވެ.








