ގޯލްޑްކަޕްގައި އައްޑޫ ސިޓީ އާއި ޅ. ކުރެންދޫ އާ ދެމެދު ކުޅުނު މެޗު 1-1 އިން އެއްވަރުވެއްޖެއެވެ. މިއީ ގައުމީ ޓީމުގެ ކުރީގެ މިޑްފީލްޑަރު ޝަމްވީލް ގާސިމް (ބޮންޑާ) އެނބުރި ގަލޮޅު ދަނޑަށް އައި މެޗެވެ.
އައްޑޫ ޓީމުގެ ކެޕްޓަންގެ ގޮތުގައި ފުޓްބޯޅައިގެ ބޮޑު މުބާރާތަކަށް އެނބުރި އައި މެޗުގައި 42 އަހަރުގެ ބޮންޑާ ވަނީ އައްޑޫ އަށް ލަނޑު ޖަހައި ދިނުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ.
މެޗުގެ ފުރަތަމަ ހާފުގައި އައްޑޫ ޓީމުން ފޮނުވާލި ނުރައްކާތެރި ދެ ބޯޅަ ވެސް ކުރެންދޫގެ ކީޕަރު ސުޖަން ޕެރޭރާ ދިފާއު ކުރިއެވެ. ނަމަވެސް، މެޗުގެ އެންމެ މުހިންމު ބޯޅަ އޭނާއަށް ދިފާއު ނުކުރެވުނެވެ.
ކުރެންދޫގެ އޭރިއާގެ ބޭރުން އައްޑުއަށް ލިބުނު ހިލޭޖެހުމެއްގައި ބޮންޑާ ފޮނުވާލި ބޯޅަ މުހައްމަދު ހާޒިމް ރިފާތު ހުރަސްކޮށްދިނުމުން، ހިޒާމް ފައުޒީ އެ ބޯޅަ ގޯލަށް ވައްދާލައި އައްޑޫ ޓީމަށް ލީޑް ނަގައި ދިނެވެ.
އައްޑޫ ޓީމުގައި ފުރަތަމަ ޑިވިޝަނުގެ ތަޖުރިބާކާރު ކުޅުންތެރިން ގިނައެވެ. ބޮންޑާގެ އިތުރުން އެ ޓީމުގެ ޑިފެންޑަރު އަބްދުﷲ ހަނީފް (ބެންޖޯ) ކުޅެމުން ދަނީ ޕްލޭއާ ކޯޗެއްގެ ގޮތުގައެވެ.
އައްޑޫ މޮޅުވާން ކުރެންދޫން ފުރުސަތެއް ނުދިނެވެ. އައްޑޫގެ އޭރިއާގެ ބޭރުން ކުރެންދުއަށް ލިބުނު ހިލޭޖެހުމެއްގައި އެ ޓީމުގެ ބެލްޖިއަމްގެ މިޑްފީލްޑަރު ޖޯޑީ ވުލޫގަލްސް ބޯޅަ ފޮނުވާލީ ގޯލްގެ މަތީ ކަނަށެވެ.
ކުރެންދޫން ނަތީޖާ ހަމަހަމަ ކުރުމުން އައްޑޫން އަލުން ލީޑް ނަގަން މަސައްކަތް ކުރިއެވެ. އެ ޓީމުގެ ޒައުލް ބާރު ހަމަލާއެއް ފޮނުވާލި ނަމަވެސް، އެ ބޯޅަ ވެސް ސުޖަން ދިފާއު ކުރިއެވެ.









