ނޮވެމްބަރު 7 ވަނަ ދުވަހު އިންފޮމޭޝަން ކޮމިޝަނަރުގެ އޮފީހުގައި (އައިކޮމް) ބޭއްވުނު އަޑުއެހުމަކަށް ނުދެވުނީ މުވައްޒަފެއްގެ އިހުމާލުން ކަމަށް ގެދޮރުވެރިކަމާއި ބިމާއި އުމްރާނީ ތަރައްޤީއާ ބެހޭ ވުޒާރާ (ހައުސިންގ މިނިސްޓްރީ) އިން ބުނެފިއެވެ.
އެ މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނީ އައިކޮމްގެ އަޑުއެހުމަށް ނުދެވުނު މައްސަލައާއި ގުޅިގެން އެ މުވައްޒަފަށް ފިޔަވަޅު އަޅާފައިވާ ކަމަށެވެ.
ހައުސިންގ މިނިސްޓްރީން ވިދާޅުވެފައިވަނީ އެ ވުޒާރާގެ ހުރިހާ ކަންކަމެއް ހާމަކަން ބޮޑު ގޮތެއްގައި އަދި ޖަވާބުދާރީކުރުވަނިވި ގޮތެއްގައި ކުރިއަށް ގެންދިއުމަށް އިސްކަންދޭ ކަމަށެވެ. އަދި މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ގާނޫނުގެ ދަށުން މައުލޫމާތު ހޯދުމަށް އެދި ހުށަހަޅާ ހުށަހެޅުންތަކާ ގުޅިގެން، ކަނޑައެޅިފައިވާ މުއްދަތުތަކުގައި މައުލޫމާތު ފޯރުކޮށްދިނުމަކީ އެ ވުޒާރާއިން ވަރަށް ބޮޑަށް އިސްކަންދޭ ކަމެއް ކަމަށްވެސް ބުނެފައިވެއެވެ.
ނޮވެމްބަރު 7 ވަނަ ދުވަހު އައިކޮމްގެ ފަރާތުން އެ ވުޒާރާ ޖޫރިމަނާކުރި ކުރުމަކީ އެ ވުޒާރާގެ މުވައްޒަފެއްގެ އިހުމާލުން ހިނގާފައިވާ ކަމެއް ކަމަށް ބަޔާނުގައި ފާހަގަކޮށްފައިވެއެވެ. އަދި މި މައްސަލައާ ގުޅިގެން އެ މުވައްޒަފާ މެދު ސިވިލް ސަރވިސް ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅާފައިވާ ކަމަށްވެސް ބުނެފައިވެއެވެ.
މީގެ އިތުރުން، މިފަދަ ކަންކަން ތަކުރާރުވިޔަ ނުދިނުމަށްޓަކައި ކަމާ ގުޅޭ އުސޫލުތައް ހަރުދަނާ ކުރުމުގެ މަސައްކަތް އެ ވުޒާރާއިން ކުރަމުންދާ ކަމަށް ވެސް ހައުސިންގ މިނިސްޓްރީން ނެރުނު ބަޔާނުގައި ފާހަގަކޮށްފައި ވެއެވެ.









