ގެދޮރުވެރިޔާ ސްކީމަށް ފުރަތަމަ ބުރަށް ކުރިމަތިލާފައިވާ އެންމެންގެ ފޯމު އިވެލުއޭޓް ކުރުމުގެ ބަދަލުގައި ކުރީގެ ސަރުކާރުން އިޢުލާންކުރި ފުރަތަމަ 4،000 ފެލްޓް ލިބޭ މީހުންގެ ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފަށަން ސަރުކާރުން ނިންމައިފިއެވެ.
ހައުސިންގ މިނިސްޓްރީން މިއަދު މެންދުރު ފަހު ބޭއްވި ޕްރެސް ކޮންފަރެންސްގައި މިނިސްޓަރު ޑރ. އަބްދުﷲ މުއްޠަލިބް ވިދާޅުވީ ޖޫން 26، 2022 ގައި އިޢުލާންކުރި ސްކީމުގެ ތެރެއިން ދެ ކޮޓަރީގެ އެޕާޓްމަންޓުތަކަށް 6،000 މީހުން އަދި ތިން ކޮޓަރީގެ އެޕާޓްމަންޓްތަކަށް 14،000 މީހުން ކުރިމަތިލާފައިވާ ކަމަށެވެ. އެއީ ޖުމްލަ 20،000 ފޯމެވެ.
އެ ހުށަހެޅުންތައް ރީ-އިވެލުއޭޓުކުރުމުގެ މަސައްކަތް ކުރުމާއި ފައިނަލް ލިސްޓު ނެރުމުގެ މަސައްކަތް މިދިޔަ 14 މަސްދުވަހުގެ ތެރޭގައި ކުރަން މަސައްކަތް ކުރުމަށް ފަހު ބޮޑެތި މައްސަލަތައް ފާހަގަވެފައި ވާތީ، އެ ލިސްޓު އާންމުކުރުން ވަރަށް ބޮޑަށް ލަސްވެފައިވާ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
މުއްޠަލިބް ވިދާޅުވީ ސަރުކާރުން މިހާރު ނިންމާފައި ވަނީ ކުރީގެ ސަރުކާރުން އިޢުލާންކުރި 4،000 ފްލެޓް ލިބުނު މީހުންގެ ލިސްޓު ވެރިފައި ކުރުމުގެ މަސައްކަތް ފެށުމަށް ކަމަށެވެ. އަދި އެކަން ކުރާއިރު އޭރު ހެދިފައިވާ އުޞޫލުތަކަށް ރިއާޔަތް ކުރާނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.
މުއްޠަލިބް މިއަދު ވިދާޅުވީ ވެރިފިކޭޝަން ޕްރޮސެސް ކުރިޔަށް ގެންދާއިރު މި ލިޔެކިޔުންތައް ހުރިތޯ ބަލާނެ ކަމަށެވެ. އެކަމަކު، ކައުންސިލްގެ ސިޓީ ކަހަލަ އެހެނިހެން އެއްވެސް ލިޔެކިޔުމެއް ބަލައި ނުގަތުމަށް އޭސީސީ އާއި އޮޑިޓަރ ޖެނަރަލް އޮފީހުން ލަފާ ދީފައިވާތީ އެ ލިޔުންތަކަށް ދެން ނުބަލާނެ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ.
ނަމަވެސް އުޞޫލުގައި "މެދުކެނޑުމެއް ނެތި މާލޭގައި ދިރިއުޅުން" ވެސް މާނަކޮށްފައި ނުވާ ކަމަށް މުއްޠަލިބް ވިދާޅުވި އެވެ.
އެކަން ހަރުކަށިކޮށް މާނަކޮށްފި ނަމަ، އެ މުއްދަތުގައި ބޭސް ފަރުވާއަށް ނުވަތަ އެހެން ސަބަބަކަށް ރާއްޖެއިން ބޭރަށް ގޮސްފައިވާ ނަމަ ޝަރުތެއް ހަމައެއް ނުވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.
އެހެންވެ، މިނިސްޓްރީން ވެރިފައި ކުރާނީ އެއް އަހަރަށް ވުރެ ދިގު މުއްދަތަކަށް މެދުކެނޑިފައި ނުވާ ނަމަ ކަމަށް އޭނާ ވިދާޅުވިއެވެ.
މުއްޠަލިބް ވިދާޅުވީ ވެރިފިކޭޝަން އަށް ފަހު ފައިނަލް ލިސްޓެއް ރޯދައިގެ ކުރިން ނެރޭނެ ކަމަށެވެ. އަދި ވެރިފައި ކުރާ ލިސްޓު އާންމު ކުރުމަށް ފަހު އާންމުންނަށް ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު ދޭނެ ކަމަށް މުއްޠަލިބް ވިދާޅުވިއެވެ،
މުއްޠަލިބް އިތުރަށް ވިދާޅުވީ ލިސްޓާ ގުޅޭ ގޮތުން ޝަކުވާ ހުށަހެޅުމުގެ ފުރުޞަތު އެންމެންނަށްވެސް ލިބޭނެ ކަމަށާއި، ކުރިއަށް އޮތް ރޯދަ މަހުގެ ކުރިން ފުރިހަމަ ތަފްޞީލާއެކު ފައިނަލް ލިސްޓު ނެރޭނެ ކަމަށެވެ.









