އައްޑޫ ސިޓީގައި ޤާއިމުކޮށްފައިވާ ފެން ހިންދާ ނިޒާމުގެ ޕަމްޕްތައް ނަގައި މާލެ ގެންނަން އުޅޭކަމަށް ސޯޝަލް މީޑިއާގައި ދައުރުވަމުންދިޔަ ވާހަކަ އިމާރަތްކުރުމާއި ގެދޮރުވެރިކަމާއި ބިނާރާ ބެހޭ ވަޒީރު ޑރ. މުއްޠަލިބު ދޮގު ކުރައްވައިފިއެވެ.
މި މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ވަޒީރު މުއްޠަލިބު ވިދާޅުވީ އައްޑޫގެ ފެން ހިންދާ ނިޒާމުގެ މަސައްކަތްތައް އަދި މުޅިން ނުނިމޭ ކަމަށެވެ. އަދި ޕަމްޕް ސްޓޭޝަން ތަކުގައި ބަހައްޓާ ޕަންޕްތައް އިންސްޓޯލް ކުރުމާއި ޓެސްޓު ކުރުމުގެ މަސައްކަތްތައް، ކޮންޓްރެކްޓަރު މިވަގުތު ވެސް ކުރަމުންދާކަމަށް ވަޒީރު ވިދާޅުވިއެވެ.
އައްޑޫ ސިޓީގެ ފެން ހިންދާ ނިޒާމުގެ މަސައްކަތަކީ އިންޑިއާގެ އެފްކޮންސް ކުންފުންޏާއި ހަވާލުކޮށްގެން ކުރިއަށްގެންދާ އައްޑޫ މަގު ހެދުމުގެ މަޝްރޫޢުގެ ތެރެއިން ކުރެވޭ މަސައްކަތެކެވެ. މި މަޝްރޫޢުގެ އަގަކީ 1 ބިލިއަން ރުފިޔާއެވެ. މި މަޝްރޫޢުގައި އައްޑޫ ފެދޫ، މަރަދޫ، މަރަދޫ ފޭދޫ، ހިތަދޫ އަދި ހުޅުމީދޫގެ މަގުތައް ޒަމާނީ ފެންވަރަށް ތަރައްޤީކުރުން ހިމެނެއެވެ.
މި މަޝްރޫޢުގެ ދަށުން 100 ކިލޯމީޓަރުގެ މަގު ހެދުމާއި ޒަމާނީ ފެންދާ ނިޒާމެއް ޤާއިމުކުރުމުގެ މަސައްކަތް ކުރެވެމުންދެއެވެ. މި މަސައްކަތް ނިމުމުން އައްޑޫ ސިޓީގެ ރައްޔިތުންނަށް ދިމާވަމުންދާ ފެން ބޮޑުވުމުގެ މައްސަލަ އަށް ހައްލެއް ލިބި، ދަތުރުފަތުރުގެ ނިޒާމު ފަސޭހަ ވެގެންދާނެއެވެ.
ވަޒީރު މުއްޠަލިބު ވިދާޅުވި ގޮތުގައި މި މަޝްރޫޢުގެ މަސައްކަތްތައް މިހާރު ވަނީ ފަހު މަރުޙަލާގައެވެ. އަދި ވިއްސާރަ ދުވަސްވަރު ފެން ބޮޑުވުމުގެ މައްސަލައަކީ އައްޑުއަށް ދިމާވެފައިވާ ބޮޑު މައްސަލައެއް ކަމަށްވުމާއެކު، މި މަޝްރޫޢުގައި ފެންބޮޑުވާ މައްސަލައަށް ވަރަށް ބޮޑު އިސްކަމެއް ދީފައިވާ ކަމަށްވެ ސް ވަޒީރު ވިދާޅުވިއެވެ.







