ނިމުނު އަހަރުތަކުގައި ސަރުކާރުގެ ބަޖެޓު ކަނޑައެޅުމުގައި ވަކިވަކި ރަށްތަކަށް މަޝްރޫޢު ހިމަނާފައިވަނީ ސިޔާސީ ވިސްނުމެއްގައި އިންތިޚާބުތަކަށް ރައްޔިތުންނާއި މެންބަރުން ރުއްސުމަށް ކަމަށް ޢިމާރާތްކުރުމާއި ބިނާރާ ބެހޭ ވަޒީރު ޑރ. ޢަބްދުﷲ މުއްޠަލިބް ވިދާޅުވެއްޖެ.
ޕީއެސްއެމްގެ ރާއްޖެމިއަދު ޕްރޮގްރާމްގައި ވާހަކަދައްކަވަމުން ވަޒީރު ވިދާޅުވީ މީގެތެރެއިން ބޮޑު އިންސައްތައަކީ ހަމައެކަނި ބަޖެޓުގައި ލިޔެލާފައިވާ މަޝްރޫޢުތައްކަމަށާއި އެކަން ކުރެވޭނެ ގޮތެއް އަދި ފައިސާވެސް ހަމަޖައްސާފައިވާ މަސައްކަތްތަކެއް ނޫންކަމަށެވެ. އޭގެ ސަބަބުން ކުރިމަތިވީ އިތުރު ބޮޑެތި މައްސަލަތައްކަމަށް ވަޒީރު ވިދާޅުވިއެވެ.
"އާ މަޝްރޫޢުތަކަށް 2024ގެ ބަޖެޓުގައި ކަނޑައަޅާފައިވަނީ 900 މިލިޔަން. ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބާ ގުޅިގެން ހުރިހާ ރަށަކަށް މަޝްރޫޢު ޖެހި. 1 ލައްކަ ރުފިޔާ އެބަހުރި ބޮޑެތި މަޝްރޫޢުތަކަށް ޖަހާފައި. މިއީ ރިއަލިސްޓިކަލީ ބަލާއިރު ސަރުކާރުން ހިންގޭގޮތަށް ޖަހާފައި ހުރި މަޝްރޫޢުއެއްނޫން. ފައިސާ އަދި މަޝްރޫޢު ހިންގޭނެ ގޮތް ބަލާފައެއް ނެތް އެހެން ބަޖެޓު ކަނޑައެޅިއިރު." ވަޒީރު ވިދާޅުވިއެވެ.
މިފަހަރުގެ ބަޖެޓު އެކުލަވާލުމުގައި ވަކިވަކި ރަށްތަށް ހިމަނާފައެއް ނުވެއެވެ. މީގެ އެންމެ މުހިންމު ސަބަބަކަށް ވަނީ މިހާރު ފަށާފައިވާ މަޝްރޫޢުތައް އަވަހަށް ނިންމުމާއި އަދި ރައްޔިތުންނަށް އެންމެ ބޭނުންޖެހިފައިވާ މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް އިސްކަން ދިނުން ކަމަށް ވަޒީރު ވިދާޅުވިއެވެ.
އަންނަ އަހަރަށް ސަރުކާރުން ހުށައެޅި ބަޖެޓުގައި ޢުމްރާނީ ތަރައްޤީގެ މަސައްކަތްތަކަށް 12 ބިލިއަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. އޭގެތެރޭގައި ހިމެނެނީ ބޭރުގެ އެހީގައި ހިންގާ ބޮޑެތި މަޝްރޫޢުތަކަށް 5 ބިލިއަން ރުފިޔާ، މިހާރު ކުރިއަށްދާ އެކި މަޝްރޫޢުތަކަށް 4 ބިލިއަން ރުފިޔާ އަދި އަލަށް ފަށާ މަޝްރޫޢުތަކަށް ކަނޑައަޅާ 3.6 ބިލިއަން ރުފިޔާއެވެ.
ވަޒީރު ވިދާޅުވީ، ބަޖެޓު ނެތި ވަކިވަކި ރަށްތަކަށް މަޝްރޫޢު ހިމަނާފައި އޮތުމުގެ ސަބަބުން ސަރުކާރަށް ބޮޑެތި ގޮންޖެހުން ކުރިމަތިވާކަމަށެވެ. އަދި ރައްޔިތުންނަށް އެންމެ މުހިންމުވާ ކަންކަމަށް ސަރުކާރުގެ ބަޖެޓުން އިސްކަން ނުދެވި، އާ މަޝްރޫޢުތައް ހިންގުމަށްވެސް ހުރަސްއެޅޭކަމަށާއި އޭގެ ސަބަބުން ރައްޔިތުންގެ ހިތުގައި ސަރުކާރާއިމެދު ނުރުހުން އުފެދޭކަމަށްވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
"މި ބަޖެޓުގައި ނޭނގޭނެ ވަކިވަކި ރަށްރަށުގެ މަޝްރޫޢުގެ ބަޖެޓެއް. އިސްކަން މިދެނީ ސަރުކާރަށް ލިބޭ އާމްދަނީއަށް ބަލައިގެން މަޝްރޫޢުތައް ކުރިއަށްގެންދިއުމަށް. މިހާރު ސަރުކާރުން އިސްކަންދޭނީ، ކެބިނެޓުން ފާސްކޮށް ދައުލަތަށް ޢާމްދަނީ ލިބޭ މިންވަރަށް ބަލައިގެން މަޝްރޫޢު ހިންގަން. ފައިސާ ހޯދޭނެ ގޮތްތައް ބަލައިގެން، އެންމެ މުހިންމު ކަންކަން ބަލައިގެން" ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޕީއެސްއައިޕީ ބަޖެޓުން އަންނަ އަހަރު ބޮޑު ޚަރަދެއް ކުރާނީ ރާއްޖޭގައި އޮތް އެންމެ ބޮޑު އިޖުތިމާޢީ މައްސަލަ، ގެދޮރުވެރިކަމުގެ މައްސަލަ ޙައްލުކުރުމަށް މަޝްރޫޢުތައް ހިންގުމަށް ކަމަށެވެ. އަލަށް ފަށާ ހައުސިން މަޝްރޫޢުތަކަށް ބަޖެޓުގައި 1.5 ބިލިއަން ރުފިޔާ ވަނީ ހިމަނާފައެވެ.
ނިމުނު ދެތިން އަހަރު މިގޮތަށް ބަޖެޓު އެކުލަވާލީ އެކަމުގައި ސިޔާސީ މަގުޞަދުތަކެއް އޮވެގެންކަން، މިހާރު ކުރިއަށްދާ ބަޖެޓު ބަހުސްގައިވެސް ގިނަ މެންބަރުން ވަނީ ފާހަގަކޮށްފައެވެ. އެގޮތުން އެއީ އިންތިޚާބުތަކާއި ދިމާކޮށް ރައްޔިތުން ރުއްސައި ތާޢީދު ހޯދުމަށް ކޮށްފައިވާ ކަމެއްގެގޮތުގައި މެންބަރުން ވަނީ ސިފަކޮށްފައެވެ.







