މިއަދުގެ ވަގުތުތަކުގައި ރާއްޖޭގެ ގިނަ ސަރަޙައްދުތަކަށް ބޯކޮށް ވާރޭވެހި، ގުގުރާނެކަމަށް މޫސުމާބެހޭ ޤައުމީ އިދާރާ (މެޓް) އިން އިންޒާރު ދީފިއެވެ.
މެޓް އިން ނެރުނު އާންމު އިންޒާރުގައި ބުނެފައިވަނީ، މިއަދު އިރުއޮއްސި 6:00 އާ ހަމައަށް ރާއްޖޭގެ އެކި ކަންކޮޅުތަކަށް ބޯކޮށް ވާރޭވެހި، ގުގުރުމުގެ ފުރުޞަތު އޮތްކަމަށެވެ. އަދި މޫސުމުގެ މި ނޭދެވޭ ބަދަލާއެކު ވައި ގަދަވާނެ ކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ވަނީ ހާމަކޮށްފައެވެ.
މެޓް އިން ބުނީ ޚާއްޞަކޮށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގާއި އުތުރު ހުޅަނގުން ގަޑިއަކު 8 މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ބެލެވޭ ކަމަށެވެ. އަދި ރާއްޖޭގެ އެހެނިހެން ސަރަޙައްދުތަކަށް ހުޅަނގު ދެކުނާއި ހުޅަނގުން ގަޑިއަކު 5 މޭލާއި 15 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެކަމަށް ލަފާކުރެވޭ ކަމަށް މެޓް އިން ބުންޏެވެ.
މީގެ އިތުރުން، ވިއްސާރައިގެ ސަބަބުން ވިލާގަނޑުގައި ގަޑިއަކު 35 މޭލުގެ ބާރުމިނުގައި ވައި ގަދަވުމަކީ އެކަށީގެންވާ ކަމެއްކަމަށް މެޓް އިން ވަނީ އަންގާފައެވެ. އަދި ދެކުނުގެ ސަރަޙައްދުގެ ކަނޑުތައް އާދައިގެ ވަރަކަށް ގަދަވެ، އުތުރާއި މެދުރާއްޖެތެރޭގެ ކަނޑުތައް އާދައިގެ ވަރަކަށް މަޑުވާނެކަމަށް ވެސް މެޓް އިން ވަނީ ލަފާކޮށްފައެވެ.
މިފަދަ މޫސުމެއްގައި ކަނޑު ދަތުރުފަތުރު ކުރާ ފަރާތްތަކުން ސަމާލުވުމަށާއި، ރައްކާތެރިކަމުގެ ފިޔަވަޅުތައް އެޅުމަށް މެޓް އިން ވަނީ އާންމުންނަށް އިލްތިމާސްކޮށްފައެވެ.









