ރައްޔިތުންގެ މަޖިލީހުން ފާސްކޮށް ޤާނޫނު އަސާސީއަށް ގެނެވުނު އިޞްލާޙުތަކަކީ ރައްޔިތުންނަށާއި ޤައުމަށް ވަރަށް މުހިންމު އިޞްލާޙުތަކެއް ކަމަށާއި، މި އިޞްލާޙުތަކުގެ ސަބަބުން ޤައުމުގެ މިނިވަންކަމާއި ސިޔާދަތު ރައްކާތެރި ކުރުމަށް ބާރުއަޅައި، ޤައުމުގައި ހަމަޖެހުން ޤާއިމުކުރުމަށް މަގުފަހިވެގެންދާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ. އެމަނިކުފާނު މިހެން ވިދާޅުވީ ރޭ ދެއްވި ވީޑިއޯ މެސެޖެއްގައެވެ.
ރައީސް ވިދާޅުވީ، ރާއްޖޭގެ ސަރަޙައްދަށް ބަދަލެއް ގެންނަ ނަމަ މީގެ ކުރިން އޮންނަނީ ރައްޔިތުންގެ މަޖިލީހުގެ ތިންބައިކުޅަ ދެބައިގެ އަޣްލަބިއްޔަތުން ފާސްވުން ކަމަށާއި، އެހެންނަމަވެސް މިހާރު އެކަން އިތުރަށް ވަރުގަދަވެ، ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ތަނަވަސް އަޣްލަބިއްޔަތަކުން ފާސްކުރަން ޖެހޭގޮތަށް ކަނޑައެޅުނެވެ. އަދި މި އިޞްލާޙާއިއެކު ރާއްޖޭގެ ކަނޑުގެ ސަރަޙައްދު އެކްސްކުލޫސިވް އިކޮނޮމިކް ޒޯން (އީ.އީ.ޒެޑް) އާއި ހަމައަށް ކަނޑައެޅޭނެ ކަމަށާއި، މި ސަރަޙައްދަށް ބަދަލު ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ހަތަރުބައިކުޅަ ތިންބައިގެ ވޯޓު ލިބި، އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓެއްވެސް ނަގައިގެން ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރާއްޖޭގައި ބޭރުގެ އެއްވެސް ސިފައިންގެ މީހެއް ޢަމަލީ ގޮތުން ޙަރަކާތްތެރިވާނަމަ، އެކަމަށް މަޖިލީހުން ރުހުން ލިބި ފާސްވާންޖެހޭ ކަމަށް ކަނޑައަޅައިފައިވާ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. އަދި ރައްޔިތުންގެ ފެންނަ ނުފެންނަ ވޯޓު ނަގައި ކަންކަމަށް ބަދަލު ގެނެވޭނީވެސް އެ ބަދަލު ގެނައުމަށްޓަކައި ރައްޔިތުންގެ ރުހުން އޮތްތޯ ބަލަން ވޯޓަކަށް އެހުމަށްފަހުގައި ކަމަށްވެސް ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ ޤައުމުގެ ހަމަޖެހުން ޤާއިމުކުރުމަށްޓަކައި 'އެންޓި ޑިފެކްޝަން' ޤާނޫނު އަސާސީގައި ހިމެނުމަކީވެސް ރައްޔިތުންގެ މަޖިލީހުން ނިންމެވި ވަރަށް މުހިންމު ކަމެކެވެ. މީގެއިތުރުން، ރާއްޖޭގެ ތަރައްޤީއަށް ކުރު މެދު އަދި ދުރު ރާސްތާގެ ޕްލޭންތައް ހެދުން ރައީސުލްޖުމްހޫރިއްޔާގެ މަސްއޫލިއްޔަތުގެ ތެރޭގައި ހިމެނިގެން ދިޔަ ކަންވެސް ރައީސްގެ ވީޑިއޯ މެސެޖުގައި ފާހަގަކުރެއްވިއެވެ.
ރައީސްގެ ވީޑިއޯ މެސެޖު ނިންމަވައިލައްވަމުން، އެމަނިކުފާނު ވަނީ ރައްޔިތުންގެ މަޖިލީހުން ގެނައި އިޞްލާޙުތަކަކީ ރާއްޖޭގެ ރައްޔިތުންގެ ޙައްޤުގައި ރާއްޖޭގެ މިނިވަންކަމާއި، ސިޔާދަތާއި، ތަރައްޤީއާއި، ހަމަޖެހުމަށްޓަކައި، ނުހަނު ޖޯޝާއިއެކު ޤައުމީ ރޫޙުގައި ނިންމެވި ވަރަށް މުހިންމު ނިންމެވުންތަކެއް ކަމުގައި ވިދާޅުވެފައެވެ. އަދި އެފަދަ ނިންމެވުމެއް ރައްޔިތުންގެ މަޖިލީހުގެ މެންބަރުން ނިންމެވީތީ، އެ ބޭފުޅުންނަށް ރައީސް ވަނީ ޝުކުރު އަދާކުރައްވާފައެވެ.









