ރާއްޖޭގެ އެންމެ ސަޕޯޓަރުން ގިނަ ކުލަބު ކަމަށްވާ ނިއު ރޭޑިއަންޓްގެ ކޮންގްރެސް ދަރުބާރުގައި ރޭ ބާއްވައިފިއެވެ. ކްލަބުގެ އާ ޗެއާމަނަކަށް ރީޖަނަލް އެއަރޕޯޓްސް ކުންފުނީގެ މެނޭޖިންގ ޑިރެކްޓަރު އަޙްމަދު މުބީން އިންތިޚާބުވިއިރު ވޯޓު ދީފައިވަނީ އަތް މައްޗަށް ނަގައިގެން ފެންނަ ނުފެންނަ ވޯޓެކެވެ.
ކޮންގްރެސްގައި ކޮންމެ މަޤާމަކަށްވެސް ކުރިމަތިލީ އެންމެ ކެންޑިޑޭޓެކެވެ.
ނިއު ރޭޑިއަންޓްގެ އާ ބޯޑުގައި ސަރުކާރު ކުންފުނިތަކުގެ ދެ މެނޭޖިންގ ޑިރެކްޓަރެއް ހިމެނިފައިވާކަން ފާހަގަކުރެވެއެވެ. ޗެއާމަން އަޙްމަދު މުބީނުގެ އިތުރުން، ނައިބު ރައީސްކަމަށް އިންތިޚާބުވި މުޖުތަބާ ޖަލީލް (މުޖޭ) އަކީ ވެމްކޯގެ މެނޭޖިންގ ޑިރެކްޓަރެވެ.
ކްލަބުގެ ސީނިއަރ ނައިބު ރައީސްކަމަށް ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ޢަލީ އިބްރާހީމް (ކައްޕި) އިންތިޚާބުވިއިރު ވައިސް ޗެއާމަންކަމަށް ހޮވުނީ އަލްއުސްތާޛް ޢަލީ ރަޝީދުއެވެ.
ކްލަބުގެ ލީގަލް ކައުންސެލްގެ މަޤާމަށް މާޒިން ޙުސައިން އިބްރާހީމް އިންތިޚާބުކުރެވުނެވެ. މީގެ އިތުރުން، ބޯޑުގައި އިތުރު 10 މެންބަރުން ހިމެނެއެވެ.
މި އިންތިޚާބު ބޭއްވުނީ ކުރީގެ ޗެއާމަން އަޙްމަދު ވާސިފް، އޭނާގެ ދައުރުގެ ބާކީ ދެ އަހަރު އޮއްވާ މަޤާމުން އިސްތިޢުފާ ދިނުމާއި ގުޅިގެންނެވެ. ވާސިފް ވިދާޅުވެފައިވަނީ ކްލަބު ކުރިއަރުވާނެ އާ ބޯޑެއް އިންތިޚާބުކުރުމަށް މަގުފަހިކުރުމަށްޓަކައި އިސްތިޢުފާ ދެއްވި ކަމަށެވެ.









