ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނުނުއަސާސީއަށް 6 ވަނަ އިޞްލާޙު ގެނައުމުގެ ބިލު، ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ތަޞްދީޤުކުރައްވައިފިއެވެ.
މި ބިލަކީ، މިއަދު ބޭއްވި 20 ވަނަ ރައްޔިތުންގެ މަޖިލީހުގެ 52 ވަނަ ޖަލްސާއިން ފާސްކުރެއްވި ބިލެކެވެ.
މި ބިލުން ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް ވަނީ މައިގަނޑު ފަސް އިޞްލާޙެއް ގެނަސްފައެވެ.
މި ބިލުގެ އެންމެ ފާހަގަކޮށްލެވޭ އެއް އިޞްލާޙަކީ، ޤާނޫނުއަސާސީގެ 73 ވަނަ މާއްދާގެ (ރ) އަށް އިތުރުކުރެވޭ ބަދަލުތަކެވެ. މި ބަދަލުތަކާއެކު، ރައްޔިތުންގެ މަޖިލިސް މެންބަރުންގެ ގޮނޑި ގެއްލޭނެ އާ ތިން ޙާލަތެއް އިތުރުކުރެވިފައިވެއެވެ. އެގޮތުން، ސިޔާސީ ޕާޓީއެއްގެ ޓިކެޓުގައި އިންތިޚާބުވެފައިވާ މެންބަރަކު އެހެން ޕާޓީއަކަށް ބަދަލުވުމުން ނުވަތަ އަމިއްލަގޮތުން ކުރިމަތިލައިގެން އިންތިޚާބުވި މެންބަރަކު ޕާޓީއަކަށް ބަދަލުވުމުން ނުވަތަ ރައްޔިތުން މަޖިލީހުގެ މެންބަރަކު، އެ މެންބަރަކު ރައްޔިތުންގެ މަޖިލީހުގެ ޢުމުރުގެ ތެރޭގައި، ތަމްސީލުކުރާ ޕާޓީއިން އަމިއްލައަށް ވަކިވުމުން ނުވަތަ ޕާޓީއިން ވަކިކުރުމުން އެ މެންބަރެއްގެ ގޮނޑި ގެއްލޭނެއެވެ.
ސަރުކާރުގެ ފަރާތުން ހުޅުދޫ ދާއިރާގެ މެންބަރު މުހައްމަދު ޝާހިދު ހުށަހެޅުއްވި އެންޓި ޑިފެކްޝަންގެ އިސްލާހުތަކަށް ބަހުސް ކުރުމަށް ފަހު މުޅި މަޖިލީހުގެ ކޮމިޓީއަށް އެ ބިލް ފޮނުވާފައިވަނީ މިއަދުއެވެ. އަދި ގޮނޑި ގެއްލޭ ގޮތަށް ޤާނޫނު އަސާސީއަށް ހުށަހަޅާފައިވާ އިސްލާހުތަކަށް ރޯލްކޯލް ވޯޓަކުން މިއަދު ވޯޓަށް އަހާފައިވާއިރު ރޯލްކޯލް ވޯޓުގައި ބައިވެރިވި މެންބަރުންގެ ތެރެއިން ބިލް ފާސްކުރަން ފެންނަކަމަށް ވޯޓުދެއްވާފައިވަނީ 75 މެންބަރުންނެވެ. އެއާއެކު އެ ބިލު މުޅި މަޖިލީހުގެ ކޮމިޓީން ފާސްވެފައިވާކަމަށް ނިންމާފައިވާއިރު، އެ އިސްލާހު މަޖިލީހުގެ ތަޅުމުން ފާސްކުރުމަށްޓަކައި މިއަދު ހަވީރު ވަނީ ޖަލްސާއެއް ބާއްވާފައެވެ.
މިއަދު ހަވީރު ބޭއްވި ޖަލްސާގައި ނެގި ވޯޓުގައި އެ ކޮމިޓީ ރިޕޯޓު ފާސްކުރުމަށް ވޯޓު ދެއްވާފައިވަނީ 78 މެންބަރުންނެވެ. އަދި ފާސްކުރަން ނުފެންނަ ކަމަށް ވޯޓު ދެއްވާފައިވަނީ 13 މެންބަރުންނެވެ. މި ޖަލްސާގައި ބައިވެރިވެވަޑައިގެންނެވި ސަރުކާރުގެ ހުރިހާ މެންބަރުންވެސް ވޯޓު ދެއްވާފައިވަނީ ޤާނޫނު އަސާސީއަށް އެ އިސްލާހު ގެންނަން ފެނިވަޑައިގަންނަވާ ކަމަށެވެ.
ދެވަނައަށް އެންމެ މުހިންމު އިޞްލާޙެއްގެ ގޮތުގައި، ޤާނޫނުއަސާސީގެ 3 ވަނަ މާއްދާގެ (ހ) އަދި (ށ) އަށް ގެނެވުނު ބަދަލު ފާހަގަކުރެވެއެވެ. މި ބަދަލާއެކު، ދިވެހިރާއްޖޭގެ ސަރަޙައްދަށް އެއްވެސް ބަދަލެއް ގެނެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ ހަތަރުބައިކުޅަ ތިންބައިގެ އަޣުލަބިއްޔަތުން ފާސްކުރާ ޤާނޫނަކުންނެވެ. މި އިޞްލާޙުގައި ރާއްޖޭގެ ސަރަޙައްދުގެ ގޮތުގައި ކަނޑައަޅާފައިވަނީ، ދިވެހިރާއްޖޭގެ އާކިޕެލަޖިކް ބޭސްލައިންތަކުގެ ތެރޭގައިވާ ބިމާއި، ޖައްވާއި ކަނޑާއި، ކަނޑުގެ އަޑީގައިވާ ބިމާއި މިބުނެވިދިޔަ ބޭސްލައިންތަކުން ފެށިގެން ބޭރުގައިވާ ދިވެހިރާއްޖޭގެ ސަރަހައްދީ ކަނޑާއި އެ ކަނޑުގެ އަޑީގައިވާ ބިމާއި، އެ ކަނޑާ ގުޅިފައިވާ ޖައްވެވެ.
ޤާނޫނުއަސާސީގެ 115 ވަނަ މާއްދާގެ (ބ) އަށް ގެނެވުނު އިޞްލާޙާއެކު، ރައީސުލްޖުމްހޫރިއްޔާގެ ބާރުތައްވެސް ވަނީ ފުޅާކުރެވިފައެވެ. މިގޮތުން، ދައުލަތުގެ މައިގަނޑު ސިޔާސަތުތައް ކަނޑައެޅުމާއި، ސަރުކާރުގެ އިދާރާތަކަށް އިރުޝާދު ދިނުމާއި، ޤައުމީ ތަރައްޤީގެ ޕްލޭންތަކާއި ތަޞައްވުރުތައް އެކަށައެޅުމުގެ ބާރު ރައީސުލްޖުމްހޫރިއްޔާއަށް މި އިޞްލާޙުގެ ދަށުން ލިބިދެއެވެ.
މީގެ އިތުރުން، ޤާނޫނުއަސާސީގެ 251 ވަނަ މާއްދާގެ (ނ) އަށް ގެނެވުނު އިޞްލާޙުގެ ދަށުން، އެއްބަސްވުމެއްގެ ދަށުން ނުވަތަ އެނޫންވެސް ގޮތަކުން، ރާއްޖެއިން ބޭރުގެ ފަރާތްތަކަށް ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް އަސްކަރީ ބޭނުމަކަށް ބޭނުންކުރުމުގެ ހުއްދަ ދެވޭނީ ރައްޔިތުންގެ މަޖިލީހުގެ ޖުމްލަ މެންބަރުންގެ އަޣުލަބިއްޔަތުން ފާސްވެގެންނެވެ. ނަމަވެސް، އެއްބަސްވުމެއްގެ ދަށުން ހިންގޭ އަސްކަރީ ތަމްރީނުތަކުގައި ބައިވެރިވުން މީގެން އިސްތިސްނާވެއެވެ.
މީގެ އިތުރުން މި ބިލުގައި ޤާނުނުއަސާސީގެ 262 ވަނަ މާއްދާގެ (3) ވަނަ ނަންބަރުގެ ފަހަތަށް ވަނީ 2 ނަންބަރު އިތުރުކުރެވިފައެވެ. މިގޮތުން، ރާއްޖޭގެ ސަރަޙައްދަށް ބަދަލު ގެނައުމާ ގުޅޭ ބިލެއް ނުވަތަ ޤާނޫނުއަސާސީއަށް ގެނެވޭ އިސްލާހަކާ ގުޅޭ ބިލެއް ރައްޔިތުންގެ މަޖިލީހުން ފާސްކުރުމުން ރައްޔިތުންގެ އަޣުލަބިއްޔަތު އޮތްތޯ ބެލުމަށް އާންމު ވޯޓެއް ނަގަން ވާނެ ކަމަށްވަނީ ބަޔާންކޮށްފައެވެ.
މި ބިލު، ރައީސް ތަޞްދީޤުކުރެއްވުމާ ގުޅިގެން، މިހާރު ވަނީ ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރައްވާފައެވެ. މި ޤާނޫނަށް ޢަމަލުކުރަން ފަށާނީ، މި ޤާނޫނު ފާސްވެ، ތަޞްދީޤުކޮށް، ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިޢުކުރާ ދުވަހުން ފެށިގެންނެވެ.









