އޭއައި މެދުވެރިކޮށް ހަދާފައިވާ ސްކޭމް އޯޑިއޯތަކަކާ މެދު ޤާސިމް އިބްރާހިމް އިލްތިމާސް ކުރައްވައިފި

މުޙައްމަދު ޛިހާން ޒުބައިރު | 210 ދުވަސް ކުރިން - 20 ނޮވެންބަރު 2024 11:46
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޤާސިމް އިބްރާހިމް / ފޮޓޯ: މަޖިލިސް
ރައްޔިތުންގެ މަޖިލީހުގެ މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެމްބަރު ޤާސިމް އިބްރާހިމް / ފޮޓޯ: މަޖިލިސް
ޚުލާސާ

މިހާރު ސޯޝަލް މީޑިއާގައި ދައުރުވަމުންދާ އޯޑިއޯތަކަަކީ އޭއައި ބޭނުންކޮށްގެން ހަދާފައިވާ އެއްޗެހިތަކެއް ކަމަށް ގާސިމް ވިދާޅުވެއްޖެ. މިކަމާ ގުޅިގެން އެބޭފުޅާ އަންނަނީ ނުރުހުން ފާޅު ކުރައްވަމުން.

ރާއްޖޭގެ މަޝްހޫރި ވިޔަފާރިވެރިޔާ އަދި މާމިގިލީ ދާއިރާގެ ޢިއްޒަތްތެރި މެންބަރު ޤާސިމް އިބްރާހިމްގެ އަޑާއި މޫނު ބޭނުންކޮށްގެން އާޓިފިޝަލް އިންޓެލިޖެންސް (އޭއައި) އިން އުފައްދާފައިވާ ސްކޭމް އޯޑިއޯތަކަކާއިމެދު ސަމާލުވުމަށް އެމަނިކުފާނު ގޮވާލައްވައިފި އެވެ.

ގާސިމް އިބްރާހިމްގެ 'އެކްސް' އެކައުންޓުގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވި ގޮތުގައި، މި އޯޑިއޯތަކުގައި އެމަނިކުފާނުގެ ނަމުގައި އޮފްޝޯ ޓްރޭޑިންގ އާއި އަވަސް ނަފާ ލިބޭނެ އިންވެސްޓްމަންޓްތަކުގެ ވާހަކަ ދައްކަވާފައިވެ އެވެ. އަދި ބޭންކް އޮފް މޯލްޑިވްސް މެދުވެރިކޮށް މި ސްކީމްތަކުން ފައިދާ ލިބޭނެ ކަމަށް ވެސް ބުނެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މި އޯޑިއޯތަކާއި ވީޑިއޯތައް ޓިކްޓޮކް އަދި އިންސްޓަގްރާމް ފަދަ ސޯޝަލް މީޑިއާ ޕްލެޓްފޯމްތަކުގައި ފެތުރެމުންދާ ކަމަށް ޤާސިމް ފާހަގަކުރެއްވި އެވެ. އަދި މި "ޒަމާނީ" ސްކޭމްތައް ވައިބަރ އަދި ވަޓްސްއެޕް ގްރޫޕްތަކުގައި ޙިއްސާ ނުކުރުމަށް ޢާންމުންނަށް އިލްތިމާސް ކުރެއްވި އެވެ.

"އެއްވެސް ދިވެއްސަކު މި ފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ނުވުމަކީ އަޅުގަނޑުގެ ވަރަށް ބޮޑު އެދުމެކެވެ،" ޤާސިމް ވިދާޅުވި އެވެ.

ބައެއް ފަހަރު މީހުން މި ވީޑިއޯތައް ތެދު ކަމަށް ހީކޮށް އެމަނިކުފާނަށް ފޮނުވާ ކަމަށް ވެސް ޤާސިމް ފާހަގަކުރެއްވި އެވެ. އަދި މިއީ ހަޤީގަތާ ޚިލާފު، އޮޅުވާލައިގެން ފައިސާ ހޯދުމަށް ކުރާ ދަށު ދަރަޖައިގެ ޢަމަލެއް ކަމަށް އޭނާ ވިދާޅުވި އެވެ.

ސޯޝަލް މީޑިއާގައި މި ފަދަ އޮޅުވާލުންތައް އާންމުވަމުން އަންނަ ކަމާއި، ގިނަ ބަޔަކު މި ފަދަ ސްކޭމްތަކުގެ ޝިކާރައަކަށް ވަމުންދާކަން ފާހަގަކުރެވެ އެވެ. އެހެންކަމުން، މި ފަދަ މަކަރުވެރި ޢަމަލުތަކާ މެދު ސަމާލުވުމަށް ފުލުހުންނާއި ބޭންކް އޮފް މޯލްޑިވްސް އަދި ސަރުކާރުގެ އެކި އިދާރާތަކުން ވެސް އާންމުންނަށް އިލްތިމާސް ކުރެއެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%