ރަޝިޔާގެ އައު ނިއުކްލިއަރ ސިޔާސަތާއި ގުޅިގެން ޔޫރަޕުން ކަންބޮޑުވެއްޖެއެވެ. އެމެރިކާ އާއި ޔޫރަޕްގެ ގިނަ ޤައުމުތައް ގުޅިގެން ރަޝިއާ ފުނޑާލުމަށްޓަކައި ކުރާ މަސައްކަތާއި ދެކޮޅަށް ދިފާޢުގައި ރަޝިއާއިން އެތައް ފަހަރަކު ވަނީ އެޤައުމަކީ ނިއުކްލިއާ ބާރެއްކަމަށް ހްނދާން ކޮށްދީފައެވެ.
ރްޝިއާގެ ނިއުކްލިއާ ސިޔާސަތު ކުށްވެރިކޮށް އަންގާރަ ދުވަހު ޔޫރަޕިއަން ޔޫނިއަންގެ ދިފާއީ ވަޒީރުންގެ ބައްދަލުވުމަށްފަހު ވާހަކަދައްކަމުން ބޮރެލް ބުނީ ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމުގެ ވާހަކަ ދެއްކުމަކީ ޤަބޫލުކުރެވޭނެ ކަމެއް ނޫން ކަމަށެވެ.
"ނިއުކްލިއަރ ހަތިޔާރުގެ ވާހަކަ ދެއްކުމަކީ އަޅުގަނޑުމެން ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމެއް. ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމާ ބެހޭގޮތުން ދައްކާ ކޮންމެ ވާހަކައެއް އަޅުގަނޑުމެން ކުށްވެރިކުރަން،" ބޮރެލް ބުންޏެވެ.
ރަޝިޔާއިން އެ ޤައުމުގެ ނިއުކްލިއަރ ސިޔާސަތަށް ގެނައި ބަދަލުތަކަކީ ޔުކްރެއިންގެ ހަނގުރާމަ 1000 ދުވަހަށް ވުމާ ދިމާކޮށް ގެނައި ބަދަލުތަކެއް ކަމަށް ބޮރެލް ފާހަގަކުރިއެވެ. އޭނާ ބުނީ ރަޝިޔާއިން ޔުކްރެއިނަށް ދޭ ހަމަލާތަކަކީ ދެވަނަ ބޮޑު ހަނގުރާމައަށްފަހު ޔޫރަޕުގެ ސަލާމަތާއި ރައްކާތެރިކަމަށް އޮތް އެންމެ ބޮޑު ނުރައްކަލެވެ.
ބޮރެލް އިތުރަށް ބުނީ ޔުކްރެއިންގެ ކަންތައް ނިމޭގޮތަކުން ޔޫރަޕިއަން ޔޫނިއަންގެ މުސްތަޤުބަލު ކަނޑައެޅިގެންދާނެ ކަމަށެވެ. އަދި ޔުކްރެއިނަށް އެހީތެރިވުމުގެ މުހިންމުކަން ފާހަގަކުރިއެވެ.
"ރަޝިޔާއަށް ޗައިނާ، ނޯތު ކޮރެއާ، އީރާން އަދި އެހެން ޤައުމުތަކުން އެހީތެރިކަން ދެމުންދެއެވެ. މިއީ ސުލްހައަށް މަސައްކަތް ކުރުމުގެ ބަދަލުގައި ކުރާ ނުރައްކާތެރި ކަމެކެވެ،" ބޮރެލް ބުންޏެވެ.
ރަޝިޔާގެ އައު ނިއުކްލިއަރ ސިޔާސަތާ ގުޅޭގޮތުން ކުރެވުނު ސުވާލަކަށް ޖަވާބުދެމުން ބޮރެލް ބުނީ މިއީ ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކޮށްފާނެ ކަމުގެ އިންޒާރުދޭ ފުރަތަމަ ފަހަރެއް ނޫން ކަމަށެވެ.
"ނިއުކްލިއަރ ހަނގުރާމައިގެ ވާހަކަ ދެއްކުމަކީ ޒިންމާދާރުކަމެއް ނޫން. އަޅުގަނޑުމެން މިކަން ކިޔަންޖެހޭނީ އޮތްގޮތަށް. މިއީ ރަޝިޔާގެ ރައީސް ޕުޓިން ނިއުކްލިއަރ ކުޅިވަރު ކުޅޭ ފުރަތަމަ ފަހަރެއް ނޫން. އޭނާ ކާބޯތަކެތީގެ އަދި ހަކަތައިގެ ހިރާސްތައްވެސް އުފެއްދި. އޭނާއަށް ކުރެވެން އޮތް ހުރިހާ ކަމެއް ކުރަނީ ނުރައްކާތެރިކަން އުފެއްދުމަށް."
ރަޝިޔާގެ ރައީސް ވްލަދިމީރު ޕުޓިން ވަނީ އެ ޤައުމުގެ އައު ނިއުކްލިއަރ ސިޔާސަތު ފާސްކޮށްފައެވެ. މި އައު ސިޔާސަތުގައި ބުނެފައިވަނީ ނިއުކްލިއަރ ހަތިޔާރު ގެންގުޅޭ ޤައުމަކުން ރަޝިޔާއަށް އާންމު މިސައިލް ހަމަލާއެއް ދީފިނަމަ، ރަޝިޔާއިން ނިއުކްލިއަރ ހަތިޔާރު ބޭނުންކުރުމަށް ވިސްނަފާނެ ކަމަށެވެ.
މި ބަދަލު ގެނެސްފައިވަނީ އެމެރިކާގެ ރައީސް ޖޯ ބައިޑެން ޔުކްރެއުކްރެއިނަށް ދުރު ރާސްތާ މިސައިލް ބޭނުންކޮށްގެން ރަޝިޔާގެ ފުނަށް ހަމަލާދިނުމުގެ ހުއްދަ ދިނުމަށްފަހުގައެވެ.