ތާސް ކުޅުމާއި ބަދިގެ ޖަލްސާތަކުން ހުސްވަގުތުކޮޅެއް ނަންގަވައި، އެއްފަހަރު ނަމަވެސް ޙަޤީޤީ މަސައްކަތެއް ކުރެއްވުމަށް ކަމަށް ބުނެ ރައީސް ޔާމީނަށް އަޙްމަދު އަދީބު ވަރަށް ބޮޑަށް ފާޑު ވިދާޅުވެ ބަހުގެ ޙަމަލާއެއް ދެއްވައިފިއެވެ.
ކުރީގެ ރައީސް ޢަބްދުﷲ ޔާމީންގެ ވެރިކަމުގައި އެމަނިކުފާނާއި ގުޅިގެން ކޮރަޕްޝަނާއި ޚިޔާނާތް ހިންގި އޭރުގެ ނައިބު ރައީސް އަޙްމަދު އަދީބު ރާއްޖެއިން ބޭރުގައި ހުންނަވައިގެން ކުރެއްވި އެކްސްގައި އިތުރަށް ވިދާޅުވި ގޮތުގައި ޔާމީންގެ ވެރިކަމުގައި އޭނާ ނުޙައްޤުން ޖަލުގައި 3 އަހަރު ހޭދަކުރައްވަން ޖެހިވަޑައިގަތް ކަމަށާއި، އެތައް އަނިޔާއެއް ލިބިވަޑައިގެންނެވިއެވެ.
އަދީބު މިވާހަކަތައް ލިޔުއްވީ އޭނާ ހިންގެވި ކޮރަޕްޝަންތައް އެންމެ ރަނގަޅަށް އެނގިވަޑައިގަންނަވާ ކަމަށް ބެލެވޭ ރައީސް ޔާމީން ޕީއެންއެފްގެ ޖަލްސާގައި އަދީބު އާއި ބެހޭ ގޮތުން ވާހަކަތަކެއް ދައްވައިފައި ވަނިކޮށެވެ. ވަރަށް މަދު މެމްބަރުންކޮޅެއް ހިމެނޭ ރައީސް ޔާމީނުގެ ޕީއެންއެފްގެ ޖަލްސާގައި އެމަނިކުފާނު ވިދާޅުވެފައިވަނީ އަދީބު ބޭރުގައި ހުންނަވައިގެން ފައިސާ ދީގެން ނޫސްތަކުގައި ޚަބަރުތައް ޖައްސަވާ ކަމަށާއި، ރާއްޖޭގެ ޓޫރިޒަމްގެ މޭސްތިރިޔަކީ އަދީބު ކަމަށް އަމިއްލަފުޅަށް ބުނަމުންދާ ކަމަށެވެ. އަދީބު ހިންގަވައިފައިވާ ކޮރަޕްޝަންގެ ޢަމަލުތަކުގެ ތެރެއިން ރާއްޖޭގެ ފަޅެއް ތައިލެންޑް ކުންފުންޏަކަށް ނުއަގުގައި ވިއްކާލާފައި ކަމަށާއި އެ ސިޓީ ތައިލެންޑުގެ ކުންފުނިން ޔާމީނުގެ އަރިހަށް ގެނައި ކަމަށް ވެސް ވިދާޅުވިއެވެ. ޔާމީނު ވިދާޅުވީ އަދީބު އެ ފަޅު ވިއްކާލެއްވީ ތިންހަތަރު މިލިއަން ޑޮލަރަށެވެ.
ރައީސް ޔާމިނު އަވަހާރަކޮށްލައި "ޝޯޓްކަޓަކުން" ރާއްޖޭގެ ވެރިކަމަށް ވަޑައިގަތުމަށް އަދީބު މަސައްކަތް ކުރެއްވި ކަމަށާއި ރިޔާސީ ލޯންޗު ގޮއްވާލީ ޔާމީނު އަވަހާރަކޮށްލުމަށް ސީދާ އަދީބުގެ ރޭވުމަކުން ކަމަށް އަބަދުވެސް ޔާމީނު ވިދާޅުވެއެވެ. ނަމަވެސް އެކަންތަކާއި އަދީބު ކުރައްވަނީ އިންކާރެވެ. އެހެންނަމަވެސް، ޔާމީނާއި ގުޅިގެން ކޮރަޕްޝަން ހިންގައި އެތައް މިލިއަން ޑޮލަރަކަށް ޚިޔާނާތްތެރިވި ކަމަށް އަދީބު އަމިއްލަފުޅަށް އިޢުތިރާފްވެވަޑައިގަންނަވައެވެ. އަދީބު ވިދާޅުވެފައިވަނީ އެ ހުރިހާ ކަމެއް ވެސް ކުރެއްވީ ޔާމީނުގެ އަމުރުފުޅަށެވެ.
ރައީސް ޔާމީން އަދީބުއާއި ބެހޭގޮތުން ސާބިތުކުރެވެން އުނދަގޫ ވާހަކަތައް ދައްކަމުންދާއިރު، އަދީބު ވިދާޅުވީ އޭނާ މިހާރު ބޭރުގައި އަމިއްލަ މަސައްކަތުން އުޅުއްވާތީ އަދި އޭނާގެ މަސައްކަތް މުޅި ދުނިޔެއިން ބަލައިގަންނާތީވެ ޔާމީން ވަރަށް ބޮޑަށް ޙަސަދަވެރިވެވަޑައިގެންފައިވާ ކަމަށެވެ.









