މާލެ ސަރަހައްދުގެ މަސް ބޯޓުތަކުގައި ޤަވާޢިދާއި ޚިލާފަށް އުޅެމުންދިޔަ 39 ބިދޭސީއަކު އަތުލައިގެންފައިވާ ކަމަށް އިމިގްރޭޝަނުން ހާމަކޮށްފިއެވެ.
އިމިގްރޭޝަނުން ބުނީ މަސް މާރުކޭޓް ސަރަޙައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 ބިދޭސީއަކު އިމިގްރޭޝަނުގެ ބެލުމުގެ ދަށަށް ގެންގޮސްފައިވާ ކަމަށެވެ.
ކޮންޓްރޯލާ ޖެނެރަލް އޮފް އިމިގްރޭޝަން މުޙައްމަދު ޝަމްއާން ވަޙީދު ވިދާޅުވީ މާލޭގެ މަސް މާރުކޭޓު ސަރަހައްދުގައި ބިދޭސީން ވިޔަފާރިކޮށް ކޮންޓްރޯލް ކުރަމުންދިޔަ މަސް ބޯޓުތަކާއި ގުޅިގެން ގިނަ ބަޔަކު ކަންބޮޑުވުން ފާޅުކޮށްފައިވާ ކަމަށެވެ.
ޝަމްއާން ވިދާޅުވީ އިމިގްރޭޝަންގެ ޓާސްކު ފޯހުން އިއްޔެ މަސްމާރުކޭޓު ސަރަޙައްދުގައި އަޅާފައިވާ މަސް ބޯޓުތައް ބަލައި ފާސްކޮށް 39 މީހަކު އިމިގްރޭޝަންގެ ބެލުމުގެ ދަށަށް ގެނައި ކަމަށެވެ.
ރާއްޖޭގައި ޤަވާޢިދާއި ޚިލާފަށް އުޅެމުން އަންނަ ބިދޭސީން ހޯދައި، އެމީހުންނާއި މެދު ފިޔަވަޅު އެޅުމުގެ މަސައްކަތް މި ސަރުކާރުން ބާރު ސްޕީޑުގައި ކުރަމުންދާކަން ފާހަގަ ކުރެވެއެވެ.
އިމިގްރޭޝަނުން ބުނެފައިވާ ގޮތުގައި ފާއިތުވި އެއް އަހަރުތެރޭ 5،000 އަށް ވުރެ ގިނަ ބިދޭސީން ވަނީ ރާއްޖެއިން ޑީޕޯޓުކޮށްފަ އެވެ.









