ނޫސްވެރިންގެ ކަންބޮޑުވުން އޮތް "މީޑިއާ އެންޑް ބްރޯޑްކާސްޓް ކޮމިޝަން"ގެ ބިލަށް ތާޢީދު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ހާމަކުރެއްވުމާ ގުޅިގެން، ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާ ބައިނަލްއަޤްވާމީ ޖަމުޢިއްޔާ ކޮމިޓީ ފޯރ ޕްރޮޓެކްޓިންގ ޖަރނަލިސްޓްސް (ސީޕީޖޭ) އިން މަރުޙަބާ ދަންނަވައިފިއެވެ.
މަޖިލީހުގައި ހިމެނޭ ވަކި ޕާޓީއަކަށް ނިސްބަތްނުވާ މެމްބަރަކު ހުށަހެޅުއްވި މި ބިލާ ގުޅޭގޮތުން ނޫސްވެރިން ކަންބޮޑުވުން ފާޅުކޮށްފައިވާއިރު، ރައީސުލްޖުމްހޫރިއްޔާ ވަނީ މި ބިލަކީ އެމަނިކުފާނު ޤަބޫލުފުޅުކުރައްވާ ސިޔާސަތުތަކެއް ހިމެނޭ ބިލެއް ނޫންކަމަށް ވިދާޅުވެފައެވެ. އަދި އެމަނިކުފާނު ނިސްބަތްވާ ޕީއެންސީންވެސް މި ބިލަށް ތާޢީދު ނުކުރައްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވިއެވެ.
ރައީސުލްޖުމްހޫރިއްޔާގެ މި ބަސްފުޅާ ގުޅިގެން ސީޕީޖޭއިން ސޯޝަލް މީޑިއާގައި އާންމުކުރި ޕޯސްޓެއްގައި ބުނެފައިވަނީ މަޖިލީހުގެ މެޖޯރިޓީ އޮތް ޕީއެންސީން މި ބިލަށް ތާޢީދުނުކުރައްވާނެކަން ރައީސުލްޖުމްހޫރިއްޔާ ހާމަކުރެއްވުމުން މަރުޙަބާ ދަންނަވާކަމަށެވެ. އަދި މި ބިލަކީ ނޫސްވެރިކަމަށް ހުރަސް އެޅޭނެ ބިލެއްކަންވެސް އެ ޖަމިއްޔާއިން ވަނީ ފާހަގަކޮށްފައެވެ.
Our joint statement with @IFJGlobal, @ifjasiapacific: "The Maldives Media and Broadcasting Commission Bill is a severe threat to the independence and vital self-regulation of Maldives’ media." PDF: https://t.co/eZlbpnIM87 pic.twitter.com/CQ709SR1Jp
ސީޕީޖޭއިން އިތުރަށް ގޮވާލާފައިވަނީ ނޫސްވެރިންނާއި މީޑިއާތަކުގެ މަޝްވަރާގެ މަތިން ނޫސްވެރިކަމުގެ މިނިވަންކަން ޔަޤީންކޮށްދޭނެ ބިލެއް އެކުލަވާލުމަށެވެ.
ސަރުކާރަށް އެއް އަހަރު ފުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވަނީ މީޑިއާތަކަށް ނުފޫޒު ފޯރުވައި، މީޑިއާތައް ކޮންޓްރޯލްކުރަން އެމަނިކުފާނު ބޭނުންފުޅު ނުވާކަމަށެވެ. އަދި އެމަނިކުފާނު ބޭނުންފުޅުވަނީ މީޑިއާތައް ކޮންޓްރޯލް ކުރުމުގެ ބަދަލުގައި މީޑިއާތައް ބާރުވެރިކުރުވުމަށް ކަމަށްވެސް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ. މީގެ އިތުރުން، ބަޖެޓުގެ ތެރެއިން މީޑިއާތަކަށް ފައިސާ ދެވޭނެ އިންތިޒާމު ހަމަޖެހިގެންދާނެކަމަށްވެސް އެމަނިކުފާނު ހާމަކުރެއްވިއެވެ.
ސީޕީޖޭއަކީ ނޫސްވެރިންގެ ހައްޤުގައި މަސައްކަތްކުރާތާ 40 އަހަރަށްވުރެ ގިނަ ދުވަސްވެފައިވާ ބައިނަލްއަޤްވާމީ ޖަމިއްޔާއެކެވެ.









