ސަރުކާރުގެ ސިޔާސަތުތައް ތަންފީޒުކުރުމުގައި ސިވިލް ސަރވަންޓުން އެއްބާރުލުން ދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު ގޮވާލައްވައިފައެވެ.
ސިއްޙަތާ ބެހޭ ވުޒާރާގެ މުވައްޒަފުންގެ އަގުވަޒަންކުރުމުގެ ގޮތުން މިއަދު ބޭއްވި ޙަފްލާގައި ވާހަކަފުޅުދައްކަވަމުން މެޑަމް ސާޖިދާ ވިދާޅުވީ ކޮންމެ ސަރުކާރެއް އޮތްނަމަވެސް ސިވިލް ސަރވަންޓުންނަކީ އެއިރެއްގައި ޢަމަލުކުރަމުން އަންނަ ސިޔާސަތުތަކާ އެއްގޮތަށް މަސައްކަތްކުރަމުންދާ ބައެއް ކަމަށެވެ. އަދި ހިތްހަމަ ނުޖެހޭ ގޮތަށް ސިޔާސަތުތައް އޮތް ނަމަވެސް އެކަން ތަންފީޒުކުރުމަށް ފަސްޖެހޭ ބަޔަކަށް ސިވިލް ސަރވަންޓުން ނުވުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
"ބައެއް ފަހަރު މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހޭ ކަންތައްތަކާ ކުރިމަތިލާން ޖެހުނު ނަމަވެސް މިފަދަ ދާއިރާއެއްގައި މަސައްކަތް ކުރާއިރު ހިތްހަމަ ނުޖެހުނު ނަމަވެސް އެކަންކަން އެއްފަރާތްކުރައްވާ. ހިތްހަމަ ނުޖެހޭ ކަންކަން ހުރިނަމަ ކަމާ ބެހޭ ފަރާތްތަކާ ވާހަކަދައްކައިގެން ޙައްލުކޮށް މަސައްކަތާއިގެން ކުރިއަށް ގެންދަވާ." މެޑަމް ސާޖިދާ ވިދާޅުވިއެވެ.
މީގެ އިތުރުން، ސިއްޙީ ދާއިރާގައި މަސައްކަތްކުރާ މުވައްޒަފުންނަކީ ފަންނީ ޤާބިލު ބައެއްކަމަށާއި، އެމީހުން ކުރާ މަސައްކަތަކީ އަމިއްލަ މަސައްކަތެއްގެ ގޮތުގައި ދެކިގެން ކުރާ މަސައްކަތެއްކަމަށް މެޑަމް ސާޖިދާ ފާހަގަކުރެއްވިއެވެ. އަދި ޚާއްސަގޮތެއްގައި ސިއްޙަތާ ގުޅިފައިވާ ކަންކަން ތަންފީޒުކުރުމުގައި އެއްބާރުލުން ދިނުމަށް އެކަމަނާ އިލްތިމާސްކުރެއްވިއެވެ.
މި ޙަފްލާގައި ވޭތުވެދިޔަ 52 ހަފްތާގައި ސިއްޙަތާ ބެހޭ ވުޒާރާގައި މަސައްކަތް ކުރި ސިވިލް ސަރވިސް މުވައްޒަފުންނަށް ޝުކުރުގެ ބެޖް ހަވާލުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދެވެ.









