ރައީސުލްޖުމްހޫރިއްޔާގެ އަނބިކަނބަލުން ސާޖިދާ މުޙައްމަދު، ޓެންޒޭނިޔާއަށް ކުރެއްވި ރަސްމީ ދަތުރުފުޅު ނިންމަވާލައްވައިފިއެވެ. މިއީ "މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީ"ގެ 11 ވަނަ އަހަރީ ކޮންފަރެންސްގެ ޝަރަފުވެރި މެހުމާނުގެ ހައިސިއްޔަތުން ބައިވެރިވެވަޑައިގަތުމަށް އެކަމަނާ ކުރެއްވި ދަތުރުފުޅެކެވެ.
މި ދަތުރުފުޅުގެ ތެރޭގައި، ފަސްޓް ލޭޑީ ސާޖިދާ މުޙައްމަދު ވަނީ ފަސްޓް ލޭޑީސްގެ މަތީފަންތީގެ ޕެނަލްގައި ކީނޯޓް ތަޤުރީރު ދެއްވުމުގެ އިތުރުން، މެރކް ފައުންޑޭޝަން ފަސްޓް ލޭޑީސް އިނީޝިއެޓިވް ކޮމިޓީ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވާފައެވެ. މި ބައްދަލުވުންތަކުގައި އެކަމަނާ ވަނީ ދިވެހިރާއްޖޭގައި ގައިންގަޔަށް ނާރާ ބަލިތައް އިތުރުވަމުންދާ މައްސަލަ ޙައްލުކުރުމަށް ސަރުކާރުން ކުރައްވަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ހިއްސާކުރައްވާފައެވެ.
މީގެއިތުރުން، ސިއްޙީ ޚިދުމަތްތައް ކުރިއެރުވުމާއި، އަންހެނުން ބާރުވެރިކުރުމާއި އިންސާނީ ވަޞީލަތް ބިނާކުރުމަށް ބައިނަލްއަޤްވާމީ ފެންވަރުގައި އެއްބާރުލުން އިތުރުކުރުމާއި ގުޅޭގޮތުން ވެސް އެކަމަނާ ވަނީ ވާހަކަފުޅުދައްކަވާފައެވެ.
މެރކް ފައުންޑޭޝަން އެފްރިކާ އޭޝިއާ ލޫމިނަރީއަކީ، ޞިއްޙީ ދާއިރާގެ ފަންނީ ތަޖުރިބާކާރުންނާއި، ސިޔާސަތު ކަނޑައަޅާ ފަރާތްތަކާއި، ދާރިސުން އެއްތަނަކަށް އެއްވެ، އަންހެނުން ބާރުވެރިކުރުވުމާއި، ބަލިތައް މެނޭޖުކުރުމާއި، އެފްރިކާ އާއި އޭޝިޔާގައި ފެންވަރު ރަނގަޅު ޞިއްޙީ ޚިދުމަތްތައް އަތްފޯރާފަށަށް ގެނައުމުގެ މަސައްކަތް ފުޅާކުރުން ފަދަ މުހިންމު މައުޟޫޢުތަކަށް މަޝްވަރާކުރާ އަހަރީ ކޮންފަރެންސެކެވެ.









