މުލިއާގޭގެ ގަރާޖު "ޒުވާނުންގެ ތާޑް ސްޕޭސް" މަރުކަޒެއްގެ ގޮތުގައި ތަރައްޤީކުރުމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ނިންމަވައިފިއެވެ.
މި ނިންމެވުމަކީ ވަޒީރުންގެ މަޖިލީހުގެ ބައްދަލުވުމެއްގައި މިނިސްޓަރ އޮފް ކޮންސްޓްރަކްޝަން އެންޑް އިންފްރާސްޓްރަކްޗަރ ހުށަހެޅުއްވި ކަރުދާހަކަށް މަޝްވަރާ ކުރެއްވުމަށްފަހު، ވަޒީރުންގެ މަޖިލީހުގެ ލަފާފުޅާއެކު ނިންމެވި ނިންމެވުމެކެވެ.
ރައީސް އޮފީހުން މިއަދު ނެރުނު ނޫސްބަޔާނެއްގައި ބުނީ މުލިއާގޭ ވެހިކަލް ގަރާޖު ހުންނަ ސަރަޙައްދަކީ ގިނަ ސްކޫލްތަކެއް ހުންނަ، މަގުމަތީގެ ކާރުބާރު ބޮޑު ސަރަޙައްދަކަށް ވުމާއެކު، ޒުވާނުންގެ މަރުކަޒު ތަރައްޤީކުރާއިރު އެ ސަރަޙައްދު ބޭނުންކުރާ ފަރާތްތަކަށް ދަތި ނުވާނެ ފަދަ، ރަނގަޅު ޓްރެފިކް މެނެޖްމަންޓް ޕްލޭނަކާއެކު މި މަޝްރޫޢު ކުރިއަށް ގެންދިއުމަށް ނިންމާފައިވާ ކަމަށެވެ.
ޒުވާނުންނަށް ޚާއްސަ ތާޑް ސްޕޭސް އޭރިއާތަކަކީ ޒުވާނުންގެ ހުނަރުތައް އިތުރަށް ކުރިއެރުވުމަށާއި، އީޖާދީ ވިސްނުން ހަޤީޤަތަކަށް ހެދުމަށް އަދި ޒުވާނުން ބާރުވެރިކުރުވުމަށް މުހިންމު މަންސައެއް ކަަމަށް ރައީސް މުޢިއްޒު ވަނީ މީގެ ކުރިންވެސް ވިދާޅުވެފައިއެވެ.
މި މަރުކަޒުގައި ކުރިއަށް ގެންދިއުމަށް ހުށަހަޅާފައިވާ ޙަރަކާތްތަކުގެ ތެރޭގައި އެކި ބާވަތުގެ ބޫޓް ކޭމްޕްތަކާއި، ސްކިލް އެކްސްޗޭންޖް ޕްރޮގްރާމްތަކާއި، ވާޗުއަލް ރިއަލިޓީ ޓްރެއިނިންގ، ކޮމިއުނިޓީ އާޓް ވޯލް، އިންޓަރެކްޓިވް ކޮމިއުނިޓީ ހަބް، އެކި ބާވަތުގެ މަސައްކަތު ބައްދަލުވުންތަކާއި، އަދި ކަލިނަރީ އިވެންޓްތައް ހިމެނެއެވެ. މީގެ އިތުރުން ނަފްސާނީ ދުޅަހެޔޮކަމަށް މަގުފަހިކުރުމަށް ވެސް މި މަރުކަޒުގެ ބައެއް ޚާއްޞަކުރުމަށް ވަނީ ހުށަހަޅާފައެވެ.









