ރާއްޖެއަށް މިހާރު ކުރަމުން އަންނަ ވިއްސާރާގައި ވޭތުވެދިޔަ 24 ގަޑިއިރު އެންމެ ބޯކޮށް ވާރޭ ވެހުނީ އައްޑޫ ސިޓީ ހިތަދޫއަށް ކަމަށް މޯލްޑިވްސް މީޓިއޮރޮލޮޖިކަލް ސެންޓަރުން ބުނެފިއެވެ.
އެ އިދާރައިން މިއަދު އާންމު ކުރި މޫސުމާއި ބެހޭ ޚަބަރުގައި ބުނެފައިވަނީ ވޭތުވެ ދިޔަ 24 ގަޑިއިރު ތެރޭ އައްޑޫ ސިޓީ ހިތަދޫއަށް 110 މިލިމީޓަރުގެ ވާރޭވެހިފައިވާ ކަމަށެވެ. އަދި އެ ރަށުގައި ފެން ބޮޑުވުމުގެ ސަބަބުން އެމްއެންޑީއެފުން ފެން ހިންދުމުގެ މަސައްކަތްކޮށްފައިވާ ކަމަށް އެ އިދާރާއިން ބުންޏެވެ.
ރާއްޖެ ސަރަޙައްދުގައި ހުޅަނގު މޫސުން ނިމި އިރުމަތީ މޫސުން ފެށޭ ދުވަސްވަރާއި ދިމާކޮށް މި ސަރަޙައްދުގައި އުފެދިފައިވާ ލޯ ލެވެލް ސާކިއުލޭޝަނަކާއި ގުޅިގެން ރާއްޖެއަށް ކުރަމުން މިދާ ވިއްސާރައިގައި ވޭތުވެ ދިޔަ 24 ގަޑިއިރުތެރޭ ރާއްޖޭގެ ބޮޑު ބަޔަކަށް ވިއްސާރަކޮށް ބައެއް ރަށްރަށަށް ބޯކޮށްވާރޭވެހިފައިވާ ކަމަށް މެޓުން ފާހަގަކުރިއެވެ.
އެގޮތުން މި ވިއްސާރާގައި ރޭ ފަތިހުން ފެށިގެން ވެހެމުންދާ ބޯ ވާރޭގެ ސަބަބުން، ވެރިރަށް މާލޭގެ ގިނަ ސަރަޙައްދުތަކުގައި ފެން ބޮޑުވެ، ދަތުރުފަތުރު ކުރުމަށް ދަތިތަކާއި ވަނީ ކުރިމަތިވެފައެވެ.
މެޓުން ލަފާ ކުރާ ގޮތުގައި ކުރިއަށްއޮތް 3 ދުވަހު ރާއްޖޭގެ ބައެއް ރަށްތަކަށް ގުގުރުމާއެކު ބޯކޮށް ވާރޭ ވެހޭނެއެވެ. އަދި މިކަމާ ގުޅިގެން މޫސުމަށް ސަމާލުކަން ދިނުމަށް އިލްތިމާސް ކޮށްފައިވެއެވެ.
މިހާރުވެސް ރާއްޖެއަށް ކުރަމުން އަންނަ ވިއްސާރައިގެ ސަބަބުން ރާއްޖޭގެ ބޮޑުބަޔަކަށް ވަނީ ވައިޓް އެލާޓު ނެރެފައެވެ.









