އަންނަ އަހަރުގެ ނިޔަލަށް ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް ވެސް ސްމާޓް މީޓަރު ފޯރުކޮށްދެވޭނެ ކަމުގެ އުފާވެރި ޚަބަރު ސްޓެލްކޯއިން ދީފިއެވެ.
ސަރުކާރަށް އަހަރެއް ފުރުމާއި ގުޅިގެން ދައުލަތުގެ މީޑިއާއަށް ދެއްވި އިންޓަވިއުގައި ސްޓެލްކޯގެ މެނޭޖިންގ ޑިރެކްޓަރު ޙުސައިން ފަހުމީ ވިދާޅުވީ ރައްޔިތުންނަށް ވަގުތުން ވަގުތަށް ކަރަންޓުގެ ރީޑިންގ ފެންނާނެ ގޮތް ހެދުމުގެ މަސައްކަތް ސަރުކާރުގެ ފުރަތަމަ ދުވަހުން ފެށިގެން ކުރަމުން އަންނަ ކަމަށެވެ.
"މި އަހަރު ނިމުމުގެ ކުރިން ސްޓެލްކޯއިން ސްމާޓް މީޓަރު ތަޢާރަފްކޮށް، އަންނަ އަހަރު ނިމުމުގެ ކުރިން ސްޓެލްކޯގެ ހުރިހާ ކަސްޓަމަރުންނަށް، ސްމާޓް މީޓަރުގެ ޚިދުމަތް ފޯރުކޮށްދޭނަން." ފަހުމީ ވިދާޅުވިއެވެ.
ފަހުމީ އިތުރަށް ވިދާޅުވީ މިހާރު ޕައިލެޓް ޕްރޮޖެކްޓެއް ހިންގާ، އެ ޕްރޮޖެކްޓް އިފްތިތާޙުކުރާ ހިސާބަށް ގޮސްފައިވާ ކަމަށާއި، މި އަހަރު ނިމުމުގެ ކުރިން ހުޅުމާލޭ ދެވަނަ ފިޔަވަހީގައި ސްމާޓް މީޓަރުގެ ޚިދުމަތް ފަށާނެ ކަމަށެވެ.
މި އައު ޓެކްނޮލޮޖީގެ ސަބަބުން ކަރަންޓު ބިލު ބޮޑުވާ ސަބަބާއި ބޮޑުވާ މިންވަރު ވެސް ފަސޭހައިން ދެނެގަނެވޭނެ ކަމަށް ފަހުމީ ފާހަގަކުރެއްވިއެވެ.
ކަރަންޓު ބިލް ބޮޑުވެގެން ސިޔާސީ ފަރާތްތަކުން އަޑީގައި ތިބެ ސްޓެލްކޯ ބަދުނާމު ކުރުމުގެ ގޮތުން ތަފާތު ވާހަކަތަކެއް މީގެކުރިން ފަތުރާފައިވެއެވެ. އެހެންކަމުން، ސްޓެލްކޯގެ މި މަސައްކަތަކީ ރައްޔިތުންނަށް ފަސޭހަކަމާއެކު ކަރަންޓުގެ ޚިދުމަތް ލިބި، އަދި އެ ޚިދުމަތް ބޭނުންކުރާ މިންވަރު ބެލުމަށް އެޅޭ މުހިންމު ފިޔަވަޅެއްކަން ފާހަގަ ކުރެވެއެވެ.









