މާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ދާރުލް އަރުޤަމް ވަޤުފް އިމާރާތުގެ ކުރެހުން ތައްޔާރުކުރުމަށް އީޕޮކް އެސޯސިއޭޓްސްއާ ހަވާލުކޮށްފިއެވެ. މި މަސައްކަތް ހަވާލުކުރުމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި އެ ކުންފުންޏާ ދެމެދު އެއްބަސްވުމެއްގައި ސޮއިކޮށްފިއެވެ. މި އެއްބަސްވުމުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ސޮއިކުރެއްވީ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
އެއްބަސްވުމުގައި ސޮއިކުރެއްވުމަށްފަހު ވަޒީރު ޑރ. ޝަހީމް ވިދާޅުވީ ޢިމާރާތުގެ ކުރެހުން ވީހާވެސް އަވަހަށް ނިންމައި، ކުރިއަށް އޮތް އަހަރުގެ ކުރީކޮޅު އިމާރާތުގެ އަމަލީ މަސައްކަތް ފެށުމަށް އަމާޒު ހިފާފައިވާ ކަމަށެވެ. އަދި މި މަސައްކަތަކީ އެ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު އެއް މަޝްރޫޢުކަން ވަޒީރު ފާހަގަކުރެއްވިއެވެ.
މި ދައުރުގައި އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ އެންމެ ބޮޑު ދެ މަޝްރޫޢަކީ ދާރުލްއަރުޤަމް މަޝްރޫޢުގެ އިތުރުން ހުޅުމާލޭގައި އެޅުމަށް ތައްޔާރުވަމުންދާ ދާރުއްސަލާމް ވަޤުފް އިމާރާތުގެ މަޝްރޫޢެވެ. މި މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމާލެވުމުން އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާގެ ބަޖެޓަށް ބޮޑު ލުޔެއް ލިބިގެންދާނެކަމަށް އެ ވުޒާރާއިން ވިދާޅުވިއެވެ.
ރާއްޖޭގައި މިވަގުތު ހުރީ އެންމެ ވަޤުފު އިމާރާތެކެވެ. އެއީ މާލޭގައި ތަރައްޤީކޮށްފައިވާ "ދާރުލް އީމާން" އެވެ. މި އިމާރާތުން އަހަރަކު 6 މިލިޔަން ރުފިޔާ ލިބޭއިރު، ރާއްޖޭގައި ތަރައްޤީކުރާ އެންމެ ބޮޑު ވަޤުފު މަޝްރޫޢާއެކު އަހަރަކު 30 މިލިޔަން ރުފިޔާ ވަޤުފު ފަންޑަށް ލިބޭނެކަމަށް އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު މީގެ ކުރިން ވިދާޅުވެފައިވެއެވެ. މީގެ އިތުރުން މިހާރު ވަނީ އަތޮޅު ވަޤުފު މަޝްރޫޢެއްވެސް އިފްތިތާހްކޮށްފައެވެ.









