ގެދޮރުގެ ދަތިކަން ޙައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތްތަކުގެ ތެރެއިން ރޯހައުސްތަކާއި ފުލެޓުތަކުގައި ދިރިއުޅޭ ފަރާތްތަކުން ދައްކަންޖެހޭ ކުލީގެ ވަރަށް ބޮޑު ބައެއް މި ސަރުކާރުން ވަނީ ލުއިކޮށްދީފައެވެ. އެންމެ ފާހަގަކޮށްލެވޭ އެއް ފިޔަވަޅެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ރަށްރަށުގެ ފްލެޓް އަދި ރޯހައުސްތަކުގެ ކުލިން 20 އިންސައްތަ ކުޑަކުރައްވާފައެވެ. މިއީ ރައީސްގެ އިންތިޚާބީ ވަޢުދުފުޅާއި އެއްގޮތަށް އަޅުއްވާފައިވާ ފިޔަވަޅެކެވެ.
މި ނިންމުމާއި ގުޅިގެން، މިހާރު އަތޮޅުތެރޭގައި ހުރި ހައުސިންގ ޔުނިޓްތަކުގެ ކުލި 3,300 ރުފިޔާއަށް ކުޑަކުރެވިފައިވާ ކަމަށާއި، ކުރިން 2,500 ރުފިޔާ ދައްކަމުންދިޔަ ހައުސިންގ ޔުނިޓްތަކުގެ ކުލި ހަމަ އެ އަގުގައި ދެމެހެއްޓޭނެ ކަމަށްވެސް ސަރުކާރުން ބުނެއެވެ.
މީގެ އިތުރުން، ހިޔާ ފްލެޓްތަކާއި ގުޅޭގޮތުން ވެސް ރައީސް ވަނީ އުފާވެރި ޚަބަރެއް ދެއްވާފައެވެ. އެ ފްލެޓްތައް މަރާމާތު ކުރުމަށް ރައްޔިތުންގެ އަތުން ދިޔަ ޚަރަދުތަކަށްވާ ދެ ލައްކަ ރުފިޔާގެ ފައިސާ 7 އަހަރަށް ބަހާލައިގެން ކުލިން ކުޑަކުރާ ގޮތަށް ވަނީ ނިންމަވާފައެވެ. އަދި ވިނަރެސް ފްލެޓްތަކުގެ ޑައުންޕޭމަންޓަށް ދައްކާ އަދަދު 50 އިންސައްތައަށް ކުޑަކޮށް، މިހާރު ދައްކަމުންދާ އަދަދުން އެވްރެޖްކޮށް 4,200 ރުފިޔާ ކުޑަވެގެންދާނެ ކަމަށް ވަނީ އިޢުލާނުކުރައްވާފައެވެ.
މި ނިންމުމުގެ ސަބަބުން ރޯހައުސްތަކުގެ ކުލި 20 ޕަސެންޓް ދަށްވެފައިވާއިރު، ހިޔާ ފްލެޓްތަކުގެ ކުލި ކުރިން ދައްކަމުންދިޔަ 5,300 ރުފިޔާއިން 3,984 ރުފިޔާއަށް ވަނީ ދަށްވެފައެވެ. މިއީ ރަށްރަށުގައި ދިރިއުޅޭ ޢާއިލާތަކަށް ބޯހިޔާވަހިކަން އަގުހެޔޮކޮށްދިނުމަށް އަމާޒުކޮށް އިންތިޚާބުގެ ކެމްޕޭނުގައި ވެވަޑައިގެންނެވި ވަޢުދެއް ފުއްދުމުގެ ގޮތުން އެޅުއްވި ފިޔަވަޅެކެވެ.









