ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރަށް މިއަދު އެއް އަހަރު ފުރުނުއިރު، މި މުއްދަތުގެ ތެރޭގައި އިސްލާމީ ނޫރާއި ދީނީ އަޤީދާ ދާއިރާއިން ވަރަށް ގިނަ ކާމިޔާބީތަކެއް ޙާޞިލްކުރެވިފައިވާ ކަމަށް އިސްލާމިކް މިނިސްޓްރީން ބުނެފިއެވެ.
ވޭތުވުދެދިޔަ 52 ހަފްތާ އާއި ގުޅޭގޮތުން އިސްލާމިކް މިނިސްޓްރީން ނެރުނު ރިޕޯޓެއްގައި ބުނެފައިވާ ގޮތުގައި، ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި އިސްލާމީ ނޫރާއި ދީނީ އަޤީދާގެ ދާއިރާއަށް މުހިންމު އިސްކަމެއް ދެއްވާފައިވާއިރު، މިކަންކަން ތަންފީޒުކުރެއްވުމަށް އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދުގެ މޭސްތިރިކަމުގެ ދަށުން އެ މިނިސްޓްރީން ވަނީ ގިނަ މަސައްކަތްތަކެއް ކޮށްފައެވެ.
މިގޮތުން ހާސިލުކުރެވުނު މުހިންމު ކާމިޔާބީތަކުގެ ތެރޭގައި:
- ފަޤީރުންނަށް ދައުލަތުން ހިލޭ ޙައްޖު އަދާކުރާނެ ސްކީމެއް ތަޢާރަފުކޮށް، 1445 ވަނަ އަހަރު 50 ފަޤީރުން ފަރުޟު ޙައްޖުގެ އަޅުކަން އަދާކުރުމަށް ފުރުޞަތު ދިނުން
- ދިވެހިރާއްޖޭގެ އިސްލާމީ ޔުނިވަރސިޓީއަށް އައު ޢިމާރާތެއް ބިނާކުރުމަށް މަސައްކަތް ފެށުން
- މިސްކިތްތަކުގެ ޙާލަތު ދެނެގަނެވޭނެ "މަސްޖިދު ޕޯޓަލް" ތަޢާރަފުކުރުން
- ރާއްޖޭގެ 14 އަތޮޅެއްގައި "މިސްކިތު ޤުރްއާން ކުލާސް" ފެށުން
- "އަތޮޅު ވަޤްފު" އަދި "ސިޓީ ވަޤްފު"ގެ ނަމުގައި މަޝްރޫޢުއެއް އިފްތިތާޙްކުރުން
- "މޯލްޑިވްސް ޒަކާތު ހައުސް" އުފެއްދުން
- ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ވަން ގަވް ޕްލެޓްފޯމަށް ބަދަލުކުރުން
- ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމުގެ މަސައްކަތް ފެށުން
- އިމާމުންނަށް ޚާއްޞަކޮށްގެން ޢަރަބި ބަސް ދަސްކޮށްދޭ ކޯސްތަކެއް ފެށުން
- މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް އުފެއްދުން
މިނިސްޓްރީން ބުނީ، ޒަކާތު ބޭސްފަރުވާގެ ޚިދުމަތް ވަން ގަވް ޕްލެޓްފޯމަށް ބަދަލުކުރުމުގެ މަސައްކަތް ރަސްމީކޮށް 4 ނޮވެންބަރު 2024 ގައި އިފްތިތާޙްކުރެވުނު ކަމަށާއި މި ޚިދުމަތް ތަޢާރަފުކުރުމުގެ ކުރިން، މުވައްޒަފުންނަށް ޚާއްޞަ ތަމްރީން ޕްރޮގްރާމެއް 26 އޮކްޓޫބަރު 2024 ގައި ބޭއްވުނު ކަމަށެވެ.
މި ބަދަލާއެކު، ޒަކާތު ހައުސްއިން ދެމުން ގެންދާ ބޭސްފަރުވާގެ އެހީއަށް އެދުމުގެ ޚިދުމަތް ވަން ގަވް ޕްލެޓްފޯމާ ގުޅި، ޑިޖިޓަލް ގޮތަކަށް ބަދަލުކުރެވިފައިވާ ކަމަށް ވެސް މިނިސްޓްރީން ފާހަގަކުރިއެވެ.
މީގެ އިތުރުން، ކޮންމެ ރަށެއްގެ މައި މިސްކިތުގައި އިސްލާމިކް ލައިބްރަރީއެއް ޤާއިމުކުރުމާއި، ދީނީ ތަރުބިއްޔަތާއި އަޚްލާޤުގެ ފިލާވަޅުތައް ނަގައިދޭ ތަނަކަށް ހެދުމުގެ މަސައްކަތްވެސް ފެށިފައިވާއިރު، މިއީ މިސްކިތްތަކަކީ ހަމައެކަނި ނަމާދުކުރުމުގެ އިތުރުން ތަފާތު އިސްލާމީ ޚިދުމަތްތަކެއް ލިބެންހުންނަ ތަންތަނަށް ހެދުމުގެ މަޤްޞަދުގައި ކުރެވޭ މަސައްކަތްތަކެއް ކަމަށް މިނިސްޓްރީން ބުންޏެވެ.
މީގެ އިތުރުން މިނިސްޓްރީން ބުނީ އަރަބި ބަސް އުނގެނެވޭނެ ފުރުޞަތު ފުޅާކުރުމުގެ ގޮތުން، އިމާމުންނަށް ޚާއްޞަކޮށްގެން ޢަރަބި ބަސް ދަސްކޮށްދޭ ކޯސްތަކެއް ކުރިއަށް ގެންގޮސްފައިވާކަމަށެވެ. މިހާތަނަށް މި ކޯހުގެ ލެވެލް 1 އަދި ލެވެލް 2 އިން ޖުމްލަ 56 އިމާމުންނަށް ވަނީ ކިޔަވައިދެވިފައެވެ. އަދި މި ކޯހުގެ ލެވެލް 3 ގައި 40 އިމާމުން ބައިވެރިވެ، ކޯހުގެ ކިޔެވުން ފުރިހަމަކުރަމުންދާ ކަމަށް މިނިސްޓްރީން ހާމަކުރިއެވެ.
އަދި މިސްކިތްތަކާ ގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާއަށް ލަފާއަރުވާ ޚާއްޞަ ކޮމިޓީއެއްގެ ގޮތުގައި، މިސްކިތްތަކާބެހޭ ޤައުމީ މަޖިލިސް 28 ޑިސެންބަރު 2023 ވަނަ ދުވަހު އިފްތިތާޙްކުރައްވާފައިވާ ކަމަށް މިނިސްޓްރީން ފާހަގަކުރެއްވިއެވެ. މި މަޖިލީހުގެ މައިގަނޑު މަޤްޞަދަކީ މިސްކިތްތަކުގެ ޙާލަތު މެދުނުކެނޑި ދެނެގަނެވޭނެ ނިޒާމެއް ޤާއިމުކުރުން ކަމަށް މިނިސްޓްރީން ބުންޏެވެ.
އިސްލާމިކް މިނިސްޓްރީން ބުނީ މި ކާމިޔާބީތަކަކީ ރައީސް މުޢިއްޒުގެ މެނިފެސްޓޯގައި ހިމެނޭ އިސްލާމީ ކަންކަމާ ގުޅޭ ވަޢުދުތައް ފުއްދުމަށް އެޅުނު މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައިވެސް މި ދާއިރާއިން އިތުރު ކުރިއެރުންތަކެއް ހޯދުމަށް މަސައްކަތްކުރާނެ ކަމަށް އެ މިނިސްޓްރީން ވަނީ ފާހަގަކޮށްފައެވެ.









