ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު އިއްޔެ މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު އިފްތިތާޙުކޮށްދެއްވައިފިއެވެ. މި ބޭންކަކީ ރާއްޖޭގައި ފުރަތަމަ ފަހަރަށް ޤާއިމުކުރެވުނު އިންވެސްޓްމަންޓް ބޭންކެވެ.
މި ބޭންކު އުފެއްދެވުމަކީ ރައީސް މުޢިއްޒުގެ ރިޔާސީ ވަޢުދުފުޅެއް ފުއްދެވުމެވެ. މި ބޭންކުގެ މައިގަނޑު މަޤްޞަދަކީ ކުޑަ އިންޓްރެސްޓް ރޭޓެއްގައި ތަރައްޤީގެ މުހިންމު މަޝްރޫޢުތަކަށާއި އަމިއްލަ ބޮޑެތި އިންވެސްޓްމަންޓްތަކަށް ލޯނު ލިބޭނެ މަގު ތަނަވަސްކޮށްދިނުމެވެ.
މޯލްޑިވްސް ޑިވެލޮޕްމަންޓް ބޭންކު ލިމިޓެޑްގެ ނަމުގައި މި ބޭންކު ރަސްމީކޮށް އުފެއްދެވީ މިއަހަރުގެ މެއިމަހުގެ 16 ވަނަ ދުވަހުއެވެ. އޮގަސްޓުމަހުގެ 21 ވަނަ ދުވަހު ބޭންކުގެ ބޯޑަށް 3 މެންބަރުން އައްޔަންކުރެވުނެވެ. އަދި އޮގަސްޓުމަހުގެ 26 ވަނަ ދުވަހު ބޭންކުގެ ޗެއަރޕަޗެއަރޕަރސަންކަމަށް އަރޫނީ ގޫނަތިލަކަ އަދި ސީއީއޯކަމަށް ނޮއެލް ގްރެގަރ ޕެޓަރސަން-ޖޯންސް އައްޔަންކުރެވުނެވެ.
އިޤުތިޞާދީ ތަރައްޤީއާއި ވިޔަފާރިއާބެހޭ ވަޒީރު މުޙައްމަދު ސަޢީދު ވިދާޅުވެފައިވަނީ މި ބޭންކުން ދަރަނީގެ އިތުރުން އިކުއިޓީ ފައިނޭންސް، ފަންޑުތައް ސިންޑިކޭޝަން އަދި ރިސްކް އިންޝިއުރެންސް ފަދަ އިތުރު މާލީ އަދި ފަންނީ އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.
މި ބޭންކަކީ ސަރުކާރުގެ ސިޔާސަތުތަކާ އެއްގޮތްވާ ގޮތުގެ މަތީން، ދެމެހެއްޓެނިވި އިޤްތިޞާދީ އަދި އިޖުތިމާޢީ ތަރައްޤީއަށް އިންވެސްޓުކުރުމާއި، ޢުމްރާނީ ތަރައްޤީއަށް ބޭނުންވާ ފައިސާ ހޯދުމަށް އުފައްދާފައިވާ ބޭންކެއްކަމަށް ސަރުކާރުން ބުނެފައި ވެއެވެ.









