ފަލަސްޠީނުގައި މިނިވަން ދަޢުލަތެއް ޤާއިމުކުރުމަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަމަށް ޚާރިޖީ ވަޒީރު ޑރ. ޢަބްދުﷲ ޚަލީލް ވިދާޅުވެއްޖެއެވެ.
ޚާރިޖީ ވަޒީރު މިފަދައިން ވިދާޅުވީ ފަލަސްޠީނުގެ މިނިވަންކަން އިޢުލާންކުރި ދުވަހުގެ މުނާސަބަތުގައި އެ ޤައުމުގެ ބޮޑުވަޒީރު އަދި ޚާރިޖީ ވަޒީރު، މުޙައްމަދު މުޞްޠަފާއަށް ފޮނުއްވި ތަހުނިޔާގެ މެސެޖުގައެވެ.
މި މެސެޖްގައި ޑރ. ޢަބްދުﷲ ޚަލީލް ވަނީ ދިވެހި ސަރުކާރާއި ދިވެހި ރައްޔިތުންގެ ނަމުގައި، ފަލަސްޠީނުގެ ސަރުކާރަށާއި ރައްޔިތުންނަށް އިޚްލާޞްތެރި ހެޔޮއެދުންތައް އަރިސްކުރައްވާފައެވެ. އަދި ފަލަސްޠީނުގެ ރައްޔިތުން މިނިވަން މުސްތަޤިއްލު ދަޢުލަތެއް ޤާއިމުކުރުމަށް ކުރާ މިންނެތް މަސައްކަތަށް ދިވެހިރާއްޖޭގެ ފުރިހަމަ ތާޢީދު އަބަދުވެސް އޮންނާނެކަމުގެ ޔަޤީންކަން ދެއްވާފައިވެއެވެ.
މީގެއިތުރުން، ފަލަސްޠީނުގެ ޙައްޤުތައް ބައިނަލްއަޤްވާމީ މައިދާނުގައި ކުރިއެރުވުމަށްޓަކައި ދިވެހިރާއްޖޭގެ ފުރިހަމަ އެއްބާރުލުން ލިބޭނެކަމަށްވެސް ޚާރިޖީ ވަޒީރު އެ މެސެޖްގައި ފާހަގަކުރައްވާފައިވެއެވެ.
ޚާރިޖީ ވަޒީރުގެ މެސެޖްގައި އިތުރަށް ފާހަގަކުރައްވާފައިވަނީ ރާއްޖެއާއި ފަލަސްޠީނާއި ދެމެދުގައި އޮންނަ އެއްބައިވަންތަކަމާއި އަޚުވަންތަކަމުގެ ގުޅުން އިތުރަށް ބަދަހިކުރުމަށް ދިވެހިރާއްޖެއިން ސާބިތުކަމާއެކު މަސައްކަތްކުރަމުން ގެންދާނެކަމެވެ.
މި މެސެޖް މެދުވެރިކޮށް ޚާރިޖީ ވަޒީރު ވަނީ ފަލަސްޠީނުގެ މިނިވަންކަމަށް ރާއްޖޭގެ ފުރިހަމަ ތާޢީދު އޮތްކަން އަދިވެސް އެއްފަހަރު ދުނިޔެއަށް ހާމަކޮށްދެއްވާފައެވެ.









