ކީރިތި ޤުރުއާނާބެހޭ ޤައުމީ މަރުކަޒުގެ ކްލާސްތައް ހިންގުމަށް އައު ސެންޓަރެއް އިއްޔެ ވިލިމާލޭގައި ހުޅުވައިފިއެވެ.
މި ސެންޓަރު ހުޅުވައިދެއްވީ އިސްލާމީ ކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދެވެ.
ވިލިމާލެ މަސްޖިދުލް ބިއްރިގައި ޤާއިމްކޮށްފައިވާ މި ސެންޓަރުގައި ދެ ކުލާސްރޫމް ހިމެނެއެވެ. މިއީ އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއާއި މާލެ ސިޓީ ކައުންސިލް ގުޅިގެން ޤާއިމްކުރި ސެންޓަރެކެވެ. ސެންޓަރު ޤާއިމްކުރުމުގެ ޢަމަލީ މަސައްކަތްތައް ކުރިއަށް ގެންގޮސްފައިވަނީ މާލެ ސިޓީ ކައުންސިލުންނެވެ.
ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން، ވަޒީރު ޑރ. ޝަހީމް ވިދާޅުވީ މި ސެންޓަރު ހުޅުވުމަކީ ވިލިމާލޭގެ ރައްޔިތުންނަށް ލިބިގެންދިޔަ ފަސޭހައެއް ކަމަށެވެ. އަދި މިއީ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ތަސައްވަރުގައި ހިމެނޭ ކީރިތި ޤުރުއާނުގެ ޢިލްމު ފެތުރުމަށް ލިބިގެންދިޔަ އިތުރު ކުރިއެރުމެއް ކަމަށް ވެސް ވަޒީރު ފާހަގަކުރެއްވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، މި ސެންޓަރަކީ ދީނީ ޤައުމީ ކަންކަން ކުރުމުގައި ވަކި ފިކުރަކަށް ނުޖެހި މަސައްކަތްކުރުމުގެ ނަމޫނާއެއް ކަމަށެވެ.
ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުން އިސްލާމްދީނަށް ލޯބިކުރާ ދިވެހިވަންތަ ޤައުމިއްޔަތެއް ބިނާކުރުމަށް ޚާއްސަ އިސްކަމެއް ދެއްވާކަން ފާހަގަކުރެވެއެވެ. މިގޮތުން، ރަށްރަށުގައި ކީރިތި ޤުރުއާން ކިޔެވޭނެ އިންތިޒާމް އެންމެ ފުރިހަމައަށް ހަމަޖެއްސުމަކީ އަދުގެ ސަރުކާރުގެ ވައުދެކެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވަނީ ހިލޭ ކީރިތި ޤުރްއާން ކިޔެވޭނެ ކުލާސްތައް އިތުރު ކުރައްވާއިރު އެ ޚިދުމަތް މުޅި ރާއްޖެއަށް ފުޅާކުރެވޭނެކަމަށް ވިދާޅުވެފައެވެ. މިގޮތުން، މިސްކިތްތަކުގައި ހިލޭ ސާބަހަށް ޤުރުއާން ކުލާސް ހިންގުމަށް "މިސްކިތު ޤާރީ ކިލާސް" ގެ ނަމުގައި ޕްރޮގްރާމެއް ވަނީ ރަސްމީކޮށް ފަށާފައެވެ.









