ގަލޮޅު އުތުރު ދާއިރާގެ މެމްބަރު ރިޝްވަތު ނަގައިގެން ރައްޔިތުންނާ ދެކޮޅަށް ބަޔާން ނެރެފި

ހުސައިން އިސްމާއިލް | 386 ދުވަސް ކުރިން - 14 ނޮވެންބަރު 2024 01:37
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް- ޑޮލަރުގެ ކަޅު ބާޒާރު އުވައިލުމަށް ދެކޮޅު ހެދުމަކީ ދާއިރާއަށާއި ޤައުމަށް ޣައްދާރުވުން.
ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް- ޑޮލަރުގެ ކަޅު ބާޒާރު އުވައިލުމަށް ދެކޮޅު ހެދުމަކީ ދާއިރާއަށާއި ޤައުމަށް ޣައްދާރުވުން.
ޚުލާސާ

ގަލޮޅު އުތުރު ދާއިރާގައި މީގެ ކުރިން ހުންނެވި އީވާއާއި ޚިލާފަށް، މިފަހަރު ހުންނެވި މެމްބަރު މުޙައްމަދު އިބްރާހީމަކީ ރައްޔިތުންގެ ދިޔަ ފެލައިގެން ވެސް މުއްސަނދިކަން ހޯދުމަށް ބޭނުންވާ އަދި ވިޔަފާރިވެރިންގެ ވެސް އަޅެއްކަން ސާބިތުކޮށްދީފި.

ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުޙައްމަދު އިބްރާހީމް (ކުޑޫ) އޭނާ ކުރި ހުވަޔާއި ޚިލާފުވެ ދާއިރާގެ ރައްޔިތުންނަށާއި މުޅި ޤައުމަށް ޣައްދާރު ވެއްޖެއެވެ.

ރައްޔިތުންނަށް ދެރައެއް ނުދޭނެ ކަމަށާއި، ދާއިރާގެ ރައްޔިތުންނަށް ރަނގަޅު ގޮތް ހޯދައިދޭނެ ކަމަށް ބުނެ ކެމްޕޭނު ތެރޭގައި ކުޑޫ ދެއްކި ހުރިހާ ވާހަކަތައް އެކޮޅުކޮޅުން ޖަހައި ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން ޑޮލަރުގެ ކަޅު ބާޒާރުގައި އިތުރަށް ތާށި ކޮށްލުމަށް އޭނާ މިއަދު މަސައްކަތް ފެށީ ފާޅުކަން ބޮޑު ގޮތެއްގައެވެ.

ޑޮލަރުގެ ކަޅު ބާޒާރު އުވާލައިގެން ނުވާނެ: މުޙައްމަދު އިބްރާހީމް (ކުޑޫ)

ސަރުކާރުން ޑޮލަރުގެ ކަޅު ބާޒާރު އުވާލަން މަސައްކަތް ފެށީ ރިސޯޓު އޯނަރުން އަޑީގައި ތިބެ ނިކަމެތި ރައްޔިތުންގެ ތަޢުލީމާއި ބޭސްފަރުވާއަށް ބޭނުންވާ ޑޮލަރު ކަޅު ބާޒާރުގައި ބޮޑު އަގުގައި ހޯދަން ޖެހި ރައްޔިތުން އިތުރަށް ބިކަ ކޮށްލާތީއެވެ. އިންޑިއާއަށް ކެންސަރު ބައްޔަށް ފަރުވާ ހޯދަންދާ ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުމީހާވެސް މިހާރު 1،000 ޑޮލަރު ހޯދާނަމަ އިތުރު 3،500 އަށްވުރެ ގިނަ ރުފިޔާ ޚަރަދުކުރަން ޖެހެއެވެ. ރިސޯޓު އޯނަރުން ކޮންޓުރޯލްކުރާ ޑޮލަރުގެ ކަޅު ބާޒާރުގެ ސަބަބުންނެވެ. މިކަން ހުއްޓުވުމަށް އެމްއެމްއޭގެ ޤަވާޢިދަށް ބަދަލު ގެނައުމުން އެކަމާއި ދެކޮޅަށް ގަލޮޅު އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އިބްރާހީމް ތެދުވީއެވެ. އޭނާއަށް މަޖިލީހުން ބޮޑު މުސާރަ ލިބެއެވެ. ބަލިވީމަ މުޅި އާއިލާއަށް ދައުލަތުގެ ޚަރަދުގައި ބޭސްފަރުވާ ކުރުމަށް ބޭނުން ޤައުމަކަށް ދެވެއެވެ. ނަމަވެސް ގަލޮޅު އުތުރު ދާއިރާގެ ރައްޔިތުން އުޅޭ ޙާލު، މަޖިލީހުގެ ގޮނޑި ލިބުނީމަ ވަރިހަމަ ވުމަކީ ހިތާމަ ކުރަންޖެހޭ ކަމެކެވެ.

މުހައްމަދު އިބްރާހީމް (ކުޑޫ)ގެ ޙަޤީޤަތް

ކުޑޫއަކީ ކުރިން ދިޓީވީގައި މަސައްކަތްކުރި ބޭފުޅެކެވެ. ރިޔާސީ/ ބަރުލަމާނީ ވޯޓުގެ ކެމްޕޭނު ދުވަސްވަރު ކޮންސަލްޓެންޓެއްގެ ގޮތުގައި ކުޑޫ އެމްޑީޕީގެ ރެޑްގްރާސްގައި މަސައްކަތްކުރިއިރު އެބޭފުޅާގެ ލަފާއާއި އިރުޝާދުގެ ދަށުން އެމްޑީޕީއަށް ލިބުނީ ބޮޑުތަނުން ނާކާމިޔާބެވެ. އަދި އެމްޑީޕީގެ އެތެރޭގެ މަޢުލޫމާތުތައް ހޯދައި ޖާސޫސް ކުރިކަމުގެ ތުހުމަތު ކުރެވުނެވެ. ޕާޓީގެ މައްސަލަ ބަލާ ކޮމިޓީގައި އޭރު ތިއްބެވި އެމްޑީޕީއަށް ވަފާތެރި ބޭފުޅުން މިކަމަށް ހެކިވާނެއެވެ. އެދުވަސްވަރު ކުޑޫގެ ފޯމެއް ބާޠިލް ކުރަން ޖެހުނީވެސް އެފަދަ ތުހުމަތުތަކާއި ގުޅިންނެވެ. އޭރު ސެލެކްޝަން ކޮމެޓީގައި ތިއްބެވި ކުރީގެ ޑިފެންސް މިނިސްޓަރު މާރިޔާ ދީދީއާއި، ގަލޮޅު އުތުރު ދާއިރާގައި 15 އަހަރު އިޚްލާސްތެރި މަސައްކަތްތަކެއް ކުރެއްވި ކުރީގެ މަޖިލިސް ނައިބު ރައީސް އީވާގެ ފިރިކަލުން ސާބެ އާއި އަރުހަމްގެ އިތުރުން ޖުނައިދުއާއި ލެކިއުޓް މާޖީ އަދި ނާޒިމް އަބްދުއްސައްތާރު ވެސް މުހައްމަދު އިބްރާހީމްގެ މި ނާތަހުޒީބު ކަންތަކަށް އިއްތިފާޤުވެއެވެ. މިއަދު މި ފެނުނީ އޭގެ ކުޑަކުޑަ މިސާލެކެވެ. މަޖިލީހުގެ 15 އަހަރުގެ ދައުރުގައި އަބަދުވެސް އީވާ ހުންނެވީ ރައްޔިތުންގެ ފަޅީގައެވެ. އެއާއި އިދިކޮޅަށް މިފަހަރު އިންތިޚާބުވި މެމްބަރު މިހިރީ ވިޔަފާރިވެރިންގެ ފަޅީގައެވެ.

ޑޮލަރުގެ ކަޅު ބާޒާރު އުވާލުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރަކަށް ވެ ހުރެ ދެކޮޅު ހެދުމަކީ ތަކުލީފު އުފުލަމުންދާ ޢާއިލާތަކުގެ ލޭ ބުއިން ފަދަ ކަމެކެވެ. ޢާންމު ރައްޔިތުންގެ ދިޔަ ފެލައިގެން ރިޝްވަތާއި ކޮރަޕްޓް ނިޒާމުތަކުގެ ތެރޭގައި ގުޅިގެން އުޅޭ މިފަދަ މީހުންގެ ސަބަބުން ރައްޔިތުންނަށް ލިބެނީ ނިކަމެތިކަމެވެ. އެއްވެސް ވިޔަފާރިވެރިއެއްގެ ނުފޫޒަށްވުރެ ރައްޔިތުންގެ އަޑު ކުޑަވާކަށް ނުޖެހޭނެއެވެ. މިއަދު މިފެންނަނީ ޤައުމަށް ޣައްދާރު ސިޔާސީ މީހުންނެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

2 ރިއެކްޝަންސް / 1 ކޮމެންޓް

0%
0%
0%
0%
0%

މަސީހު

385 ދުވަސް ކުރިން - 11:42

ޔަގީނޭ ޗަންޕާ އަތުން ރުފިޔާ ނަގާގެން އުޅޭ ސޮރެއް ތީ. ތިކަހަލަ މީހުންނާއި ހުރެ މި ގައުމު ހަލާކު މިވަނީ