ކޮޕް29 ސަމިޓުގެ ތެރޭގައި ރައީސުލްޖުމްހޫރިއްޔާ ޑރ މުޙައްމަދު މުޢިއްޒު، އަޒަރްބައިޖާންގެ ރައީސް އިލްހާމް އަލިޔޭވްއާ ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ޤައުމުގެ ގުޅުން އިތުރަށް ބަދަހިކުރުމާއި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ މުހިންމު މަޝްވަރާތަކެއް ކުރިއަށް ގެންދެވިއެވެ.
މި ބައްދަލުކުރެއްވުމުގައި ރައީސް މުޢިއްޒު ވަނީ ކޮޕް29 ސަމިޓް ކާމިޔާބުކޮށް ބޭއްވުމަށް އަޒަރްބައިޖާނުން ކުރައްވާފައިވާ މަސައްކަތްތަކަށް ޝުކުރު އަދާކުރައްވާފައެވެ. އަދި ދާދި ފަހުން ދެ ޤައުމުގެ ދެމެދުގައި ފެށިފައިވާ ސީދާ ވައިގެ ދަތުރުތަކަށް އިޝާރާތްކުރައްވައި، އަޒަރްބައިޖާނުން ރާއްޖޭގައި އިންވެސްޓްކުރުމަށް ދަޢުވަތު ދެއްވިއެވެ.
އަޒަރްބައިޖާންގެ ރައީސް އަލިޔޭވް ވެސް ވަނީ ދެ ޤައުމުގެ އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކުރުމަށް ޝައުޤުވެރިކަން ފާޅުކުރައްވާފައެވެ. އަދި މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ރާއްޖެއިން ދައްކަމުންދާ ލީޑަރޝިޕަށް ތަޢުރީފުކުރައްވައި، ކޮޕް29 ގައި ރައީސް މުޢިއްޒު ބައިވެރިވެވަޑައިގަތުމުން ޝުކުރު އަދާކުރެއްވިއެވެ.
މި ބައްދަލުކުރެއްވުމުގައި ދެ ރައީސުން ވަނީ ކޮޕް29 ސަމިޓަކީ ދުނިޔޭގެ މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭ ކަންކަމުގައި ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމަށް މުހިންމު މަންސައަކަށް ހެދުމާ ބެހޭގޮތުން މަޝްވަރާކުރައްވާފައެވެ.









