ސަރުކާރު ކުރިއަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ، ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވީ މިއަދު ސޯޝަލް މީޑިއާގައި ކުރެއްވި ޕޯސްޓެއްގައެވެ.
ރައީސް ވިދާޅުވީ، ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީންގެ ޙަޤީޤީ ސިފަ ރައްޔިތުންނަށް ވަރަށް ސާފުކޮށް ފެންނަމުންދާ ކަމަށާއި، ކުރިއަށް އޮތް ތަނުގައި މިކަން އިތުރަށް ހާމަވެގެންދާނެ ކަމަށެވެ.
ތަނަވަސްކަން ނެތް ރައްޔިތުންނަށް ފައިދާއެއް ވާން ނޭދޭ ސިޔާސީ ވެރީން ރައްޔިތުންނަށް ވަރަށް ސާފު ވާތަން ކުރިޔަށް އޮތް ތާނގައި އިތުރަށް ފެންނާނެ! މި ސަރުކާރު ކުރިޔަށްދާނީ ރައްޔިތުންގެ ފަޅީގައި އޮވެ ހުރިހާ ރައްޔިތުންނަށް އިންސާފުވެރިކަމާއެކު ތަނަވަސްކަން ހޯދައިދިނުމުގައި!
— Dr Mohamed Muizzu (@MMuizzu)
?t=uvwuFpP8TZun0bwQQqQ26Q&s=19
ރައީސް މިހެން ވިދާޅުވީ، ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ދާއިރާ އިޞްލާޙުކުރުމަށް އަޅުއްވާފައިވާ ފިޔަވަޅުތަކަށް ސިޔާސީ ބައެއް ފަރާތްތަކުން ދެކޮޅު ހަދަމުންދާ ދަނޑިވަޅެއްގައެވެ. ރާއްޖޭގެ މާލީ އަދި އިޤްތިޞާދީ ޙާލަތު ރަނގަޅުކުރުމަށް ރައީސް ގެންދަވަނީ އިޞްލާޙީ ބައެއް ފިޔަވަޅުތައް އަޅުއްވަމުންނެވެ.
މި ފިޔަވަޅުތަކުގެ ތެރޭގައި:
- ޑޮލަރުން އާމްދަނީ ލިބޭ ކުންފުނިތަކުން ދައުލަތަށް ދައްކަން ޖެހޭ ފައިސާ ޑޮލަރުން ދެއްކޭނެ ގޮތް ހެދުން.
- ޑޮލަރުން މުސާރަ ދޭ ކުންފުނިތަކުން ޕެންޝަން ފަންޑަށް ޖަމާކުރާ ފައިސާވެސް ޑޮލަރުން ޖަމާކުރެވޭނެ ބަދަލު ގެނައުން.
- ޓެކްސް ބޭސް ބޮޑުކުރުން.
- ސަބްސިޑީތަކަށް ބަދަލު ގެނައުން.
މިއީ މާލީ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން އެކުލަވާލާފައިވާ މަގުޗާޓުގައި ހިމެނޭ މުހިންމު ފިޔަވަޅުތަކެއްކަން ފާހަގަކުރެވެއެވެ.
ރައީސް ވިދާޅުވީ ސަރުކާރުގެ އަމާޒަކީ ހުރިހާ ރައްޔިތުންނަށް ހަމަހަމަކަމާއެކު ތަނަވަސްކަން ފޯރުކޮށްދިނުން ކަމަށެވެ. އަދި މިކަމުގައި ސަރުކާރުން އަބަދުވެސް ރައްޔިތުންގެ ފަރާތުގައި ތިބޭނެކަން ރައީސް ވަނީ ކަށަވަރުކޮށްދެއްވާފައެވެ.









