އާސެނަލްގެ މާޓިން އޯޑެގާޑް ނޯވޭގެ ނޭޝަންސް ލީގު މެޗުތަކުން ވަކިވެއްޖެއެވެ. އެހެންކަމުން ނޯވޭއިން ސްލޮވީނިއާ އަދި ކަޒަކިސްތާނާ ދެކޮޅަށް ކުޅޭ މެޗުތަކުގައި އޯޑެގާޑް ނުކުޅޭނެއެވެ.
އޯޑެގާޑަށް އަނިޔާވެފައިވަނީ މިދިޔަ ސެޕްޓެމްބަރު މަހު ގައުމީ ޓީމާއެކު ކުޅެނިކޮށެވެ. އޭގެފަހުން އޭނާ ވަނީ ދެމަސް ދުވަހު ނުކުޅެ ހުންނަން ޖެހިފައެވެ. އާސެނަލްގެ ޖާޒީގައި އޭނާ އެންމެ ފަހުން ކުޅުނީ މިދިޔަ ހަފުތާގައި އިންޓަރ މިލާނާއި ދެކޮޅަށް ކުޅުނު ޗެމްޕިއަންސް ލީގު މެޗުގައެވެ.
ނޯވޭގެ ޓީމް ޑޮކްޓަރު އޯލާ ސޭންޑް ބުނީ އޯޑެގާޑްގެ އަނިޔާއަކީ އުނދަގޫ އަނިޔާއެއް ކަމަށެވެ. އަދި ވޭތުވެދިޔަ ނުވަ ހަފުތާގައި އާސެނަލްގެ ޓީމާއެކު މަދު ޓްރެއިނިންގ ސެޝަންތަކެއްގައި ބައިވެރިވެފައިވާތީ، މިވަގުތު އޭނާގެ ހަށިގަނޑު 100 އިންސައްތަ ތައްޔާރު ނޫންކަމަށެވެ.
"ފުންކޮށް ބެލުމަށްފަހު އަދި މަޝްވަރާކުރުމަށްފަހު، އަޅުގަނޑުމެން ވަނީ މާޓިން މި ދެ މެޗަށް ތައްޔާރު ނޫންކަމަށް ނިންމާފައި. އޭނާއާ މަޝްވަރާކުރުމަށްފަހު، އަޅުގަނޑުމެން ނިންމީ އޭނާ ލަންޑަނަށް އެނބުރި ގޮސް އެތާ ރިހެބިލިޓޭޝަން ކުރިއަށް ގެންދިއުން ރަނގަޅު ކަމަށް،" ސޭންޑް ވިދާޅުވިއެވެ.
ނޯވޭ މިހާރު އޮތީ ނޭޝަންސް ލީގު އެ ގްރޫޕްގެ އެއްވަނައިގައެވެ. ނަމަވެސް ސްލޮވީނިއާ އަދި އޮސްޓްރިއާ ވެސް އޮތީ ނޯވޭއާ އެއްހަމައެއްގައެވެ.









