އިމާމުންނަށް ރާއްޖޭން ބޭރުން ތަމްރީން ދިނުމަށް އިސްލާމިކް މިނިސްޓްރީން ފަށާފައިވާ ޙާއްސަ ޕްރޮގްރާމުގެ ދަށުން އިންޑޮނޭޝިޔާއަށް ދަތުރުކުރި އިމާމުންނާއި އިސްލާމިކް މިނިސްޓަރ ޑރ. މުޙައްމަދު ޝަހީމް އަލީ ސަޢީދު ބައްދަލުކުރައްވައިފިއެވެ.
މި ބައްދަލުކުރެއްވުމުގައި މިނިސްޓަރ ވަނީ މި ދަތުރުގައި އިމާމުންނަށް ކުރެވުނު ތަޖުރިބާގެ މަޢުލޫމާތު އޮޅުންފިލުއްވާ، ދަތުރުގެ ތެރެއިން އެނގިގެންދިޔަ ކަންކަން ބޭނުން ކުރެއްވުމަށް އިމާމުންނަށް ނަސޭހަތްތެރިވެލައްވާފައެވެ.
މި މަހުގެ 6 ގައި އިންޑޮނޭޝިޔާއަށް ފުރި އިމާމުން ތަމްރީން ޕްރޮގްރާމް ފުރިހަމަކުރެއްވުމަށްފަހު އެނބުރި އައިސްފައިވަނީ ހޯމަ ދުވަހުގެ ރޭއެވެ. މި ދަތުރުގައި ރާއްޖޭގެ އެކި ހިސާބުތަކުން 15 އިމާމުން ބައިވެރިވެލެއްވިކަމަށް އިސްލާމިކް މިނިސްޓްރީން ބުންޏެވެ.

އިންޑޮނޭޝިޔާއަށް ތަމްރީނަށް ވަޑައިގެންނެވި އިމާމުންނާއި މިނިސްޓަރ ޝަހީމް ބައްދަލުކުރެއްވުން. / ފޮޓޯ: މިނިސްޓްރީ
މިނިސްޓްރީން ބުނީ މި ދަތުރުގައި އިމާމުންވަނީ އިންޑޮނޭޝިޔާގެ ޚާއްސަ އިސްލާމީ ތަންތަނަށް ޒިޔާރަތް ކުރައްވާ އެތަންތަނާއި ގުޅޭ މުހިންމު މަޢުލޫމާތު ހޯދާފައި ކަމަށެވެ. މީގެ އިތުރުން އިމާމުންނަށް އިންޑޮނޭޝިޔާގައި ޚާއްސަ އެކި ކުލާސްތައް ކުރިއަށް ގެންގޮސްފައިވާކަމަށް މިނިސްޓްރީން ބުންޏެވެ.
އިމާމުން ތަމްރީންކުރުމުގެ ޕްރޮގްރާމްގެ ތެރެއިން ދެ ބުރެއްގެ މަތީން އިމާމުން ވަނީ މި އަހަރު ސަޢުދީ ޢަރަބިއްޔާއަށް ޒިޔާރަތްކުރައްވާފައެވެ. މީގެ އިތުރުން ބްރޫނާއިއަށްވެސް އިމާމުން ތަމްރީނަށް ގޮސްފައިވާއިރު މެލޭޝިޔާގައި މިވަގުތު އިމާމުންގެ ތަމްރީނެއް ކުރިއަށްދާކަން ފާހަގަކޮށްލެވެއެވެ. މިއާއެކު މިއަހަރު މިހާތަނަށް 100 އިމާމުން ވަނީ ރާއްޖޭން ބޭރުން އިތުރު ތަމްރީން ޙާސިލްކުރައްވާފައެވެ.









