ތިމާވެށީގެ ގޮތުން ނާޒުކު ޤައުމުތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް ކްލައިމެޓް ފައިނޭންސްގެ އާ ލަނޑުދަނޑިއެއް ކަނޑައެޅުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ގޮވާލައްވައިފިއެވެ. ރައީސް މިހެން ވިދާޅުވީ އަޒަރުބައިޖާނުގައި ކުރިއަށްދާ ކޮޕް29 ގެ ހަވާސާގައި ބޭއްވުނު ހައި-ލެވެލް ރައުންޑްޓޭބަލް އެނޭބްލިންގ ކްލައިމެޓް ފައިނޭންސްގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ރައީސް ވިދާޅުވީ ކްލައިމެޓް ފައިނޭންސިންގެ ލަނޑުދަނޑިން ދޭ މެސެޖަކީ އެންމެ ނާޒުކު ޤައުމުތައް ބާކީ ނުވާނެ މެސެޖަކަށް ހަދަންޖެހޭ ކަމަށެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމުގައި ހޯދާ ކާމިޔާބީއަށް ބަލައި ދަރަނި މަޢާފުކުރުން ފަދަ އީޖާދީ ވިސްނުންތަކެއް ގެންގުޅުމުގެ މުހިންމުކަން ފާހަގަކުރެއްވިއެވެ.
ސްމޯލް އައިލެންޑް ޑިވެލޮޕިންގ ސްޓޭޓްސް (ސިޑްސް)ގެ ނާޒުކުކަމަށް ކުރާ ޚަރަދަކީ މުޅި ދުނިޔޭގެ ސަލާމަތަށްޓަކައި ކުރާ މާނަފުން އިންވެސްޓްމަންޓެއްގެ ގޮތުގައި ބެލުމަށް ރައީސް ގޮވާލެއްވިއެވެ. އަދި މޫސުމީ ބަދަލުތަކަށް ހޭނުމުގައި އެހީތެރިކަން ފޯރުކޮށްދެވޭނެ ނިޒާމަކަށް ދުނިޔޭގެ މާލީ ނިޒާމު ބަދަލުކުރުމަށް ވެސް އެ މަނިކުފާނު އިލްތިމާސް ކުރެއްވިއެވެ.
ޕްރައިވެޓް ސެކްޓަރގެ މުހިންމު ދައުރު ފާހަގަކުރައްވަމުން، ރައީސް މުޢިއްޒު ވަނީ ލޯނު ދޫކުރާ ރަސްމީ ފަރާތްތަކާއި ގުޅިގެން އެކަށޭނަ ގޮތްތަކެއްގައި ލޯނު ދިނުމަށާއި އެ ލޯނު އަނބުރާ ދެއްކުމުގެ މުއްދަތަށް ލުއި ގޮތްތައް ހަމަޖެއްސުމަށް އެދިވަޑައިގެންފައެވެ.
މީގެއިތުރުން، ސިޑްސްއަށް މޫސުމަށް އަންނަ ބަދަލުތަކުން އަރައިގަތުމަށް ބޭނުންވާ ޒަރޫރީ އެހީ ހޯދުމުގައި ފަސޭހަ ކުރުމަށްޓަކައި ގްރާންޓް-ބޭސްޑް ފައިނޭންސިންގ އަދި ކޮންސެޝަނަލް އިންސްޓްރުމަންޓްތަކަށް ބިނާކޮށް ބައިނަލްއަޤްވާމީ މުޖުތަމަޢުން އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސް ގޮވާލެއްވިއެވެ.
ރައީސް މުޢިއްޒު ވިދާޅުވީ މިއީ ކާމިޔާބީ ނުވަތަ ނާކާމިޔާބީ ކަނޑައެޅިގެންދާ ދަނޑިވަޅެއްކަމަށާއި، ރާއްޖެފަދަ ޤައުމުތަކަށް ފިޔަވަޅު ނޭޅުން ނުވަތަ ފިޔަވަޅު އެޅުން ލަސްކުރުމަކީ އޮތް ފުރުޞަތެއް ނޫން ކަމަށެވެ. އަދި މުސްތަޤުބަލަށްޓަކައި މިކަން ނާކާމިޔާބުވިޔަނުދީ ކާމިޔާބީއަށް ވާޞިލުވުމަށްޓަކައި މަސައްކަތް ކޮށްދިނުމަށް އެމަނިކުފާނު ގޮވާލެއްވިއެވެ.
މި ހައި-ލެވެލް ރައުންޑްޓޭބަލް ބައްދަލުވުމަކީ ޤައުމުތަކުގެ ވެރިންނާއި ބައިނަލްއަޤްވާމީ މާލީ އިދާރާތަކާއި މަލްޓިލެޓްރަލް ޑިވެލޮޕްމަންޓް ބެންކުތަކުން ބައިވެރިވި ބައްދަލުވުމެކެވެ. މި ބައްދަލުވުމުގެ މައިގަނޑު މަޤްޞަދަކީ ޕެރިސް އެގްރީމަންޓްގެ ލަނޑުދަނޑިތައް ބިންގަލަކަށް ބަލައިގެން އެ ލަނޑުދަނޑިތައް ފުޅާކުރުމުގައި، ނިއު ކަލެކްޓިވް ކުއަންޓިފައިޑް ގޯލެއް ކަނޑައެޅުމަށް ވިސްނައިގެން، މޫސުމީ ބަދަލުތަކަށް މާނަފުން ގޮތެއްގައި ޚަރަދު ހޯދުމަށް މަސައްކަތް ކުރުމެވެ.









