އާސަންދައިގެ ޚިދުމަތް ބޭނުންކުރުމުގައި އެންމެ މުއްސަނދި ފަރާތްތަކުގެ އަތުން އެ ނިޒާމަށް ވަކި ޢަދަދެއް ދައްކަންޖެހޭ ގޮތަށް ބަދަލު ގެނައުމަށް ސަރުކާރުން ނިންމައިފިއެވެ. މި ބަދަލު ގެނައުމުގެ މައިގަނޑު މަޤްޞަދަކީ އާސަންދައިގެ ޚަރަދުތައް ދެމެހެއްޓެނިވި މިންގަނޑެއްގައި ހިފެހެއްޓުމެވެ.
ސަރުކާރުން ހާމަކުރި ގޮތުގައި، ފާއިތުވި ފަސްއަހަރުގެ ތެރޭގައި އާސަންދައިގެ ދަށުން ސިއްޙީ ޚިދުމަތް ފޯރުކޮށްދިނުމަށް ކުރާ ޚަރަދު އަހަރަކު އެވްރެޖްކޮށް 9.2 އިންސައްތައިން އިތުރުވެފައިވެއެވެ. މި ބަދަލުތަކާއެކު އާސަންދައިން 600 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް ސަލާމަތްކުރެވޭނެ ކަމަށް ސަރުކާރުން ލަފާކުރެއެވެ.
އަންނަ އަހަރަށް ހުށަހަޅާފައިވާ ބަޖެޓުގެ ތަފްސީލު ރިޕޯޓުން ދައްކާ ގޮތުން، މަހަކު 60,000 ރުފިޔާއަށް ވުރެ ބޮޑު އާމްދަނީ ލިބޭ ނުވަތަ އިންކަމް ޓެކްސް ދައްކަންޖެހޭ މީހުންގެ އަތުން އާސަންދަ ނިޒާމަށް ވަކި އަދަދެއް ނެގުމަށް ވަނީ ކަނޑައަޅާފައެވެ. މީގެ އިތުރުން، އެންމެ ގިނައިން އާމްދަނީ ލިބޭ ފަރާތްތަކުން އައުޓް ޕޭޝަންޓް ޚިދުމަތްތައް ހޯދާއިރު އަދި އެސެންޝިއަލް ނޫން ބޭސް ގަންނައިރު ބިލުގެ ވަކި މިންވަރެއް ކޮންޓްރިބިއުޝަންގެ ގޮތުގައި ދައްކަންޖެހޭނެއެވެ.
ނަމަވެސް، 18 އަހަރު ނުފުރޭ ކުޑަކުދިންނާއި، 65 އަހަރުން މަތީގެ މީހުންނާއި، ދިގު މުއްދަތަކަށް ދާއިމީ ބަލިތަކަށް ފަރުވާކުރާ މީހުން މި ކޮންޓްރިބިއުޝަނުން އިސްތިސްނާވާނެއެވެ.
ސަރުކާރުން ބުނީ މި ބަދަލުގެ ސަބަބުން މުޅި ނިޒާމު ކުރިއެރުމަށް މަގުފަހިވެ، އެންމެ ފަގީރު ޙާލުގައި އުޅޭ މީހުންނަށް މާލީ ބުރައަކާއި ނުލައި ސިއްޙީ ޚިދުމަތްތައް ލިބޭކަން ކަށަވަރުކުރެވޭނެކަމަށެވެ. އަދި މިއީ ދެކުނު ކޮރެއާ ފަދަ ތަރައްޤީވެފައިވާ ގިނަ ޤައުމުތަކުގައި ކާމިޔާބުކަމާއެކު ތަންފީޛުކުރަމުންދާ މޮޑެލްއެއްކަން ސަރުކާރުން ވަނީ ފާހަގަކޮށްފައެވެ.
އެގޮތުން، އަންނަ އަހަރަށް ލަފާކުރާ ބަޖެޓުގެ ރިކަރަންޓް ޚަރަދުގެ 5.1 އިންސައްތަ ހިއްސާކުރަނީ އާސަންދައަށް ކުރާ ޚަރަދެވެ. އަދި އަންނަ އަހަރު އާސަންދައަށް ހިނގާނެ ޚަރަދުގެ ގޮތުގައި އަންދާޒާކޮށްފައިވަނީ 1,852.9 މިލިއަން ރުފިޔާއެވެ. މިއީ މި އަހަރަށް އާސަންދައިގެ ޚަރަދުތައް ހުންނާނެ ކަމަށް ލަފާކުރާ މިންވަރަށްވުރެ 19 އިންސައްތަ ދަށް އަދަދެކެވެ.









