ހޮލީވުޑްގެ މަޝްހޫރު ފްރެންޗައިޒް ފިލްމު ސިލްސިލާއެއް ކަމަށްވާ "މިޝަން އިމްޕޮސިބަލް" ގެ 8 ވަނަ ބައިގެ ޓްރެއިލާ ނެރެފިއެވެ. "މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" ގެ ނަމުގައި ނެރެފައިވާ މި ފިލްމުގައި ހޮލީވުޑްގެ މަޝްހޫރު ތަރި ޓޮމް ކްރޫޒް ފެނިގެންދާނެއެވެ.
މި ފިލްމު ސިނަމާތަކަށް ގެންނަން ހަމަޖެހިފައިވަނީ އަންނަ އަހަރުގެ މެއި 23 ވަނަ ދުވަހުއެވެ. ފިލްމުގެ ފުރަތަމަ ޓީޒާ އިން ފެންނަ ގޮތުގައި މިއީ މި ސީރީޒްގެ ކުރީގެ ފިލްމުތަކާއި އެއްގޮތަށް ކްރޫޒްގެ ޖެހިލުންކުޑަ "ސްޓަންޓް" ތަކާއި ވަރުގަދަ އެކްޝަން މަންޒަރުތައް ހިމެނޭ ފިލްމެކެވެ.
"މިޝަން އިމްޕޮސިބަލް: ދަ ފައިނަލް ރެކޮނިން" އަކީ އަންނަ އަހަރުގެ އެންމެ އުންމީދީ ފިލްމުތަކުގެ ތެރޭގައި ހިމެނޭ ފިލްމެކެވެ. މި ފިލްމު ޑައިރެކްޓްކޮށްފައިވަނީ މި ސީރީޒްގެ އެންމެ ފަހުގެ ތިން ފިލްމު ވެސް ޑައިރެކްޓްކުރި ކްރިސްޓޮފާ މެކްއަރީއެވެ.
ކްރިސްޓޮފާ މެކްއަރީ މިދިޔަ އަހަރު ގެނެސްދިން "މިޝަން އިމްޕޮސިބަލް: ޑެޑް ރެކޮނިން" އަކީ ބޮކްސް އޮފީހުގައި 570.6 މިލިއަން ޑޮލަރުގެ އާމްދަނީއެއް ހޯދި ފިލްމެކެވެ. އެ ފިލްމު ގެނެސްދިނީ 219 މިލިއަން ޑޮލަރުގެ ބަޖެޓަކުންނެވެ.









