އދގެ މޫސުމީ ބަދަލުތަކާ ގުޅޭ 29 ވަނަ ކޮންފަރެންސް (ކޮޕް-29) ގެ ވޯލްޑް ލީޑަރސް ކްލައިމެޓް އެކްޝަން ސަމިޓް ހުޅުވުމުގެ ރަސްމިއްޔާތުގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިއަދު ބައިވެރިވެވަޑައިގެންފިއެވެ..
"އިން ސޮލިޑަރިޓީ ފޮ އަ ގްރީން ވޯލްޑް" މި ޝިޢާރުގެ ދަށުން ބޭއްވޭ މި ކޮންފަރެންސްގައި، މޫސުމީ ބަދަލުތަކާއި ވިލުންވެރިކަމުގެ މަސައްކަތްތަކުގައި ރާއްޖެއިން ކުރަމުންދާ މަސައްކަތްތައް ދުނިޔެއާ ހިއްސާކުރުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރުން، ތަރައްޤީވަމުން އަންނަ ޖަޒީރާ ކުދި ޤައުމުތަކަށް ކުރިމަތިވާ ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ރައީސް މުޢިއްޒު މި ކޮންފަރެންސްގައި ވަކާލާތު ކުރައްވާނެކަމަށް ވެއެވެ.
މިދިޔަ އަހަރު ބޭއްވުނު ކޮޕް-28 ގައި ރައީސް މުޢިއްޒު ވަނީ ރާއްޖޭގައި ފަސް މިލިއަން ގަސް އިންދުމުގެ ޕްރޮގްރާމެއް ފެށުމާއި، ރާއްޖޭގައި ބޭނުންކުރާ ހަކަތައިގެ 33 އިންސައްތަ އަކީ އިޔާދަކުރުވަނިވި ހަކަތައިން އުފައްދާ ހަކަތައަށް ހެއްދެވުމުގެ ވައުދު އިޢުލާންކުރައްވާފައެވެ.
ކޮޕް-29 ގެ އެޖެންޑާގައި، މޫސުމީ ބަދަލުތަކާއި ގުޅޭ މާލީ ލަނޑުދަނޑިތައް ކަނޑައެޅުމާއި، ބައިނަލްއަޤްވާމީ އެއްބާރުލުން އިތުރުކުރުމާއި، އަދި ޤައުމުތަކުގެ މޫސުމީ އަމާޒުތައް (އެން.ޑީ.ސީ) ތަރައްޤީކުރުމުގައި ހުރި ގޮންޖެހުންތަކަށް ޙައްލު ހޯދުމަށް ސަމާލުކަން ދޭނެއެވެ.
ރައީސް މުޢިއްޒު މި ކޮންފަރެންސްގައި ތަޤްރީރު ކުރައްވާނީ އަންނަ އަންގާރަ ދުވަހުއެވެ. މި ތަޤްރީރުގައި ރާއްޖޭގެ މޫސުމީ ބަދަލުތަކުގެ ލަނޑުދަނޑިތަކާއި ވިލުންވެރިކަމުގެ އަމާޒުތަކަށް އަލިއަޅުއްވާލައްވާނެއެވެ.









