ރިއަލް މެޑްރިޑްގެ އެޓޭކިންގ ކުޅުމަށް މިދަނީ ގިނަގުނަ ގޮންޖެހުންތަކާ ކުރިމަތިވަމުންނެވެ. ކާރލޯ އެންޗެލޮޓީއަށް އެޓޭކިންގ ކުޅުމުގައި އެކަށީގެންވާ ނަތީޖާއެއް ނުނެރެވުމާއި ގުޅިގެން މީޑިއާގެ ފާޑުކިޔުންތައް ދަނީ އިތުރުވަމުންދެއެވެ. ވިނީސިއަސް ޖޫނިއަރ އަދި އެމްބާޕޭ ފަދަ ތަރިން ތިބި ނަމަވެސް، އިޓަލީގެ ކޯޗަށް އެކަށީގެންވާ ނަތީޖާއެއް ނުހޯދެއެވެ.
ރިއަލްގެ ކުޅުމަށް މީޑިއާގެ ފާޑުކިޔުންތައް އަންނަ މި ދަނޑިވަޅުގަިއ ކުރީގެ ކުޅުންތެރިއެއް ކަމަށްވާ ތިއޯ ވޯލްކޮޓް ވަނީ ސްވިޑަންގެ ފޯވަޑް އެލެގްޒެންޑަރ އިސާކްގެ ނަން ހުށަހަޅާފައެވެ. ބީބީސީއަށް ދިން އިންޓަވިއުއެއްގައި ވޯލްކޮޓް ބުނެފައިވަނީ އިސާކްގެ ފަދަ ކުޅުންތެރިއެއް މިވަގުތު ކޮންމެ ޓީމަކަށްވެސް ބޭނުންވާނެއެވެ. އޭނާ ބުނި ގޮތުގައި އެމްބާޕޭ އަދި ވ.ޖޫނިއާ އާއި ޚިލާފަށް އިސާކްއަކީ އެޓޭކިންގައި ހުރިހާ ޕޮޒިޝަނެއްގައި ކުޅެވޭ ކުޅުންތެރިއެކެވެ.

ސްވިޑަންގެ ފޯވަޑް އެލެގްޒެންޑަރ އިސާކް
އުމުރުން 25 އަހަރުގެ ނިއުކާސަލްގެ ފޯވާޑް އެލެގްޒެންޑަރ އިސާކް ވަނީ އެޓީމަށް 81 މެޗު ކުޅެ 43 ގޯލް ކާމިޔާބުކޮށްފައެވެ.
އިސާކްގެ ހުނަރުވެރިކަމާއި ގާބިލުކަން ފާހަގަކުރަމުން ވޯލްކޮޓް ބުނެފައިވަނީ އޭނާއަކީ ތިއެރީ ހެންރީއާ އެންމެ ގާތް ކުޅުންތެރިއާ ކަމަށެވެ. މިފަދަ ކުޅުންތެރިއެއް ރިއަލް މެޑްރިޑަށް އައުމަކީ އެންޗެލޮޓީގެ ކުޅުމަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލެއް ލިބި، ޓީމު އަލުން ޔޫރަޕްގެ އެންމެ މަތީ ފަންތިއަށް ގެނެވިދާނެ ކަމެއް ކަމަށް ވޯލްކޮޓް ދެކެއެވެ.
ޗެމްޕިއަންސް ލީގުގައި ރިއަލް ކުޅުނު ހަތަރު މެޗުގެ ތެރެއިން ދެމެޗުން ބަލިވެފައިވާއިރު އެ ޓީމު އޮތީ ތާވަލުގެ 18 ވަނައިގައެވެ. އެއްވަނައިގައި އޮތް ލިވަޕޫލަށް ހަތަރު މެޗުން 12 ޕޮއިންޓު ލިބިފައި ވެއެވެ. ލަލީގާގައި 27 ޕޮއިންޓާއެކު ރިއަލް ދެވަނައިގައި އޮތްއިރު 12 މެޗުގެ ތެރެއިން މޮޅުވީ 8 މެޗުންނެވެ. ލަލީގާގައި އެއްވަނައިގައި އޮތީ ވާދަވެރި ބާސެލޯނާ އެވެ. އެއީ 33 ޕޮއިންޓާއެކުއެވެ. ބާސާ ވަނީ 13 މެޗުގެ ތެރެއިން 11 މެޗުން މޮޅުވެފައެވެ.









