ރިޔާސީ އިންތިޚާބުގައި ދެވަނަ ބުރަކަށް ނުގޮސް އެއް ބުރުން ވެރިޔަކު ހޮވާގޮތަށް ބަދަލުކުރުމަށް ފެނިވަޑައިގަންނަވާތީ ރައްޔިތުންގެ ކިބައިން ފެންނަ ނުފެންނަ ވޯޓަކަށް އަހާނެކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މިހެން ވިދާޅުވެފައިވަނީ ޖުމްހޫރީ ދުވަހާ ގުޅިގެން ރޭ ދަރުބާރުގޭގައި ބޭއްވި ޚާއްޞަ ޖަލްސާގައި ދެއްކެވި ވާހަކަފުޅުގައެވެ.
އެމަނިކުފާނު ވިދާޅުވީ އެއް ބުރުން ވެރިޔަކު ކަނޑައަޅައި ނިމޭގޮތަށް ދިރާސާކުރަމުން އަންނަ ކަމަށާއި، އެއީ ޤައުމަށް އެންމެ ރަނގަޅު ގޮތް ކަމުގައި ވަނީ ނަމަ ދެން އަންނަ ރިޔާސީ އިންތިޚާބުން ފެށިގެން އެކަން އެގޮތަށް ބަދަލުކުރައްވާނެ ކަމަށެވެ.
ރައީސްގެ ވާހަކަފުޅުގައި، ދެ ބުރު ނޯންނަ ގޮތަށް އެއްބުރުން ވެރިޔަކު ހޮވާގޮތަށް ބަދަލުކުރުމުން ޚަރަދުތައް ވެސް ކުޑަވެގެންދާނެ ކަމަށް ފާހަގަކުރެއްވިއެވެ. މި ބަދަލަށް ރައްޔިތުންގެ މަޖިލިސް މެދުވެރިކޮށް ފެންނަ ނުފެންނަ ކަމުގެ ވޯޓަކަށް އަހާނެކަމަށް ރައީސްޢިއުލާނު ކުރެއްވިއެވެ.
"އިލެކްޝަންސް ކޮމިޝަނުން އެތައް ސަތޭކަ މިލިއަނެއް ޚަރަދުކުރަން އެބަ ޖެހޭ. އޭގެ ބަދަލުގައި ރިޔާސީ އިންތިޚާބާއި އެކުގައި މަޖިލިސް އިންތިޚާބު ބޭއްވުމަކީ އަޅުގަނޑު ދެކޭގޮތް." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން، ރައީސްކަމުގެ ދައުރު ނިމޭ ދުވަސް 11 ނޮވެމްބަރަށް ބަދަލުކުރުމަށް ވެސް ރައްޔިތުންގެ ކިބައިން ފެންނަ ނުފެންނަކަމުގެ ވޯޓަކަށް އަހާނެ ކަމަށް ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ ލޯކަލް ކައުންސިލް ނިޒާމް ވަރުގަދަކުރުމަށްޓަކައި މިހާރަށްވުރެ ތަންކޮޅެއް މީހުން މަދުކޮށްލުމަށް ޤާނޫނަށް އިޞްލާޙުތަކެއް ގެނައުމަށް މަސައްކަތް ކުރާ ކަމަށާއި އެކަމުގެ ފަންނީ މަޝްވަރާތަކެއްވެސް ކުރިއަށް ގެންދާނެ ކަމަށެވެ.









