ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ މައްސަލަތައް އަންނަ އަހަރު ޙައްލުވާން ފަށާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އަންނަ އަހަރު ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް ނިމި، ސުޕީރިއަރ ކޯޓް ކޮމްޕްލެކްސްގެ މަސައްކަތް ފެށި، ޝަރުޢީ ދާއިރާއަށް ބޭނުންވެފައިވާ ޢިމާރާތުގެ ޖާގައިގެ ބޮޑެތި ކަންތައްތަކެއް ޙައްލުވާން ފަށާނެކަމަށެވެ.
ރައީސް ވިދާޅުވީ ކްރިމިނަލް ކޯޓުގެ ޢިމާރާތް ހުޅުމާލެއަށް ބަދަލުކުރުމުގެ މަސައްކަތް އަންނަ މަހުގެ މާރޗް ނުވަތަ އެޕްރީލް މަހުގެ ނިޔަލަށް ނިމޭނެ ކަމަށް ކަމާބެހޭ ވުޒާރާއިން އެމަނިކުފާނަށް މަޢުލޫމާތު ދެއްވާފައިވާ ކަމަށެވެ. އަދި ސުޕީރިއަރ ކޯޓް ކޮމްޕްލެކްސް ހުޅުމާލޭގައި އެޅުމުގެ ޢަމަލީ މަސައްކަތް އަންނަ އަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ސުޕްރީމް ކޯޓަކީ މާލޭގައި ހުންނަން ޖެހޭ ތަނެއް ކަމަށް އެމަނިކުފާނަށް ޤަބޫލުފުޅު ކުރެއްވޭތީ ސުޕްރީމް ކޯޓަށް ބޭނުންވާ ބިން މިދިޔަ ހަފްތާގައި މާލެއިން ހަމަޖައްސާފައިވާ ކަމަށް ވެސް ރައީސް ވިދާޅުވިއެވެ.
އިޚުލާސްތެރި ވެރިކަމެއް ކުރާ މީހަކު، ޝަރުޢީ ދާއިރާ މިނިވަންކޮށް، އެހެންބަޔަކަށް ބަރޯސާވާން ނުޖެހި، އާދޭސްކުރަން ނުޖެހި، ސަލާންޖަހަން ނުޖެހޭނޭ ގޮތަށް ކަންކަން ފަހިކޮށްދޭނޭކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ އަދުގެ ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒެއް ނުފޯރުވާނޭކަމަށެވެ. އެގޮތުން އެމަނިކުފާނު މަޤާމާ ހަވާލުވެވަޑައިގެންނެވި ދުވަހުން ފެށިގެން މިއަދާ ހަމައަށްވެސް، ސަރުކާރުން ޝަރުޢީ ދާއިރާއަށް ނުފޫޒު ފޯރުވާފައި ނުވާނެކަމަށާއި، ކުރިއަށްއޮތްތަނުގައިވެސް ނުފޯރުވާނޭކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ އަރުއްވާފައެވެ.
ރައީސް ވިދާޅުވީ އޭގެ ބަދަލުގައި މި ސަރުކާރުން މަސައްކަތް ކޮށްފައިވާނީ، ޝަރުޢީ ދާއިރާއަށް ބޭނުންވާ ކަންތައްތައް ފަހިކޮށްދެއްވުމަށް ކަމަށެވެ. އެގޮތުން، އަންނަ އަހަރު މުސާރަ ބޮޑުވާ މުވައްޒަފުންގެ ތެރޭގައި ޝަރުޢީ ދާއިރާގެ މުވައްޒަފުން ހިމެނޭކަންވެސް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.









