ކުރީގެ ސަރުކާރުތަކުން ކަންކޮށްފައިވާ ގޮތަށް، ރިޔާސީ ކޮމިޝަންތައް ހަދައި ސިޔާސީ ވާދަވެރިން ފަހަތުން ދުވެ، ހައްޔަރުކޮށް ޖަލަށްލާ މަންޒަރު މި ސަރުކާރުގައި ނުފެންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ދަރުބާރުގޭގައި ރޭ ބޭއްވި ޖުމްހޫރީ ދުވަހުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ، ކެމްޕޭން ތެރޭގައިވެސް އެމަނިކުފާނު ފާހަގަކުރެއްވި ގޮތަށް، ބަދަލުހިފުމުގެ ރޫހު މި ޤައުމުން ނައްތާލައްވާފައިވާ ކަމަށެވެ.
"ސިޔާސީ މީހަކަށްވީތީ އަޅުގަނޑުގެ ވާދަވެރިޔާ، އެއީ ސިޔާސީ ވާދަވެރިއަކަށް ވީތީ ގެންގޮސް ހިފައި ހައްޔަރުކޮށް ޖަލަށްލާ ތަނެއް ނުފެންނާނެ. ކުރިއަށް އޮތް ތަނުގައި ވެސް ނުފެންނާނެ." ރައީސް ވިދާޅުވިއެވެ.
މިދިޔަ ސަރުކާރުތަކަށް އިޝާރާތްކުރައްވައި ރައީސް ވިދާޅުވީ، އެކި ގޮތްގޮތުން ސިޔާސީ މީހުން ފްރޭމްކޮށް، އެ މީހުން ޖަލަށް ގެންގޮސް އަނިޔާކޮށްފައިވާ ކަމަށެވެ. ނަމަވެސް މި ސަރުކާރު ހަވާލުވުމާއެކު އެ ހުރިހާ ކަމެއް ނިމިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
"އެއީ ތިމާގެ މީހެއް ވިޔަސް ރައްޓެއްސެއް ވިޔަސް ކޮންމެ މީހެއް ވިޔަސް ސިޔާސީ މީހެއް ވިއްޔާ ދުރަށްލާ އެއްކައިރި ކުރުމުގެ ޒަމާން މި ޤައުމުން އިރާދަކުރެއްވިއްޔާ ތާއަބަދަށް މި ވެރިކަން ފެށުނު ދުވަހުން ފެށިގެން އެ ވަނީ ގޮސްފައި. އިރާދަކުރެއްވިއްޔާ އެކަމެއް ދެން މިރާއްޖެ އަކު ނުފެންނާނެ." ރައީސް ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، ސިޔާސީ ބޭނުމަށް ރިޔާސީ ކޮމިޝަން ހަދައިގެން ނުބެލިޔަސް، ރައްޔިތުންގެ މުދަލުން ވައްކަންކުރުމާއި ޤައުމުގެ މުދަލަށް ނުޙައްޤުން އަރައިފައިވާނަމަ، އެ އޮންނަ އުޞޫލުގެ ދަށުން އެމީހެއްގެ މައްސަލަ ބެލުމުގެ ޒިންމާ އޮންނަ މުއައްސަސާތަކެއް އެބަހުރި ކަމަށެވެ.
ރައީސް މުޢިއްޒު ވިދާޅުވީ، އެމަނިކުފާނު ވެރިކަން ކުރައްވަމުން ގެންދަވަނީ ރައްޔިތުން އެދޭ ގޮތަށް ރައްޔިތުންގެ ފަޅީގައި ހުންނަވައިގެން ކަމަށެވެ. އަދި އެ އިމުން ބޭރުވެވަޑައިގެން، ކުރިން ކަންކަން ކުރައްވާފައިވާ ގޮތަށް މި ސަރުކާރުގެ ކަންކަން ކުރިއަށް ނުގެންދަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









