އަންނަ އަހަރު ނިމެންވާއިރަށް ހުރިހާ އަތޮޅަކުން ދިވެހި ރައްޔިތެއްކަން އަންގައިދޭ، އައިޑީ ކާޑުގެ ޚިދުމަތް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ މިދިޔަ ސަރުކާރު ނިމިގެން ދިޔައިރު، އައިޑީ ކާޑަށް އެޕްލައިކޮށްގެން ކާޑު ހަދައި ނުދީ 3,348 މީހުން ތިބިކަމަށެވެ.
ރައީސް ވިދާޅުވީ އައިޑީ ކާޑަކީ ދެތިން ދުވަސް ތެރޭގައި ހަދާފައި ޙަވާލުކުރެވޭ އެއްޗެއް ކަމަށާއި، މި ސަރުކާރު ވެރިކަމަށް އައިސް 3,348 މީހުންގެ ބެކްލޮގެއް ކްލިއަރ ކޮށްފައިވާ ކަމަށެވެ.
ރައީސް ވިދާޅުވީ އެމަނިކުފާނު ވެވަޑައިގެންނެވި ވަޢުދުފުޅާ އެއްގޮތަށް ކޮންމެ އަތޮޅެއްގައި، އެ އަތޮޅެއްގެ ރައްޔިތުން ތިބެގެން އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭ ގޮތް ހެދުމުގެ މަސައްކަތް ފެށިފައިވާ ކަމަށެވެ. އަދި އަންނަ އަހަރު ނިމެންވާއިރަށް ކޮންމެ އަތޮޅަކުން ވެސް އައިޑީ ކާޑާއި ޕާސްޕޯޓުގެ ޚިދުމަތް ލިބޭނެކަމުގެ ޔަޤީންކަން އެމަނިކުފާނު ވަނީ ދެއްވާފައެވެ.
"މި އަންނަ އަހަރު ނިމެންވާއިރަށް އަޅުގަނޑު ވަޢުދުވީ ގޮތަށް ހުރިހާ އަތޮޅަކުން، ހުރިހާ އަތޮޅަކުން އައިޑީ ކާޑާއި ޕާސްޕޯޓު ލިބިގެންދާނެ." ރައީސް ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މާލެ ސަރަޙައްދުގައި ވެސް މާލޭގެ އިތުރުން ވިލިމާލެއާއި ހުޅުމާލެ ފޭސް 1 އަދި ފޭސް 2 އިން ވެސް މި ޚިދުމަތްތައް ލިބޭގޮތް ހައްދަވާނެ ކަމަށެވެ.
މި ސަރުކާރުން މިހާރުވެސް ވަނީ ގއ. ވިލިނގިލި އަދި ދ. ކުޑަހުވަދޫގައި އައިޑީ ކާޑު ޕްރިންޓުކުރުމުގެ ޚިދުމަތް ފަށާފައެވެ.









