މިދިޔަ ސަރުކާރުން ރައްޔިތުން ލައްވައި އެކި މަސައްކަތް ކުރުވުމަށްފަހު ނުދީ ހުރި އެތައް މިލިއަން ރުފިޔާގެ ތެރެއިން ފަސް މިލިއަން ރުފިޔާއަށް ވުރެ މަދުން ދޭންޖެހޭ ހުރިހާ ބިލަކަށް ފައިސާ ދީ ނިންމާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ މުނާސަބަތުގައި ދަރުބާރުގޭގައި ބޭއްވި ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ރައީސް ވިދާޅުވީ، ދެ ހަފުތާއަށް ވުރެ ގިނަ ދުވަސްވެފައިވާ ބިލްތަކުގެ ތެރެއިން ފަސް މިލިއަނަށް ވުރެ މަދު ޢަދަދެއް އަރާފައިވާ ބިލްތަކުގެ ފައިސާ ދައްކައި ޚަލާސްކޮށްފައިވާ ކަމަށެވެ.
"އަޅުގަނޑުމެން ވާނީ މިހާރު ފަސް މިލިއަނުން ދަށުން ދޭން ހުރި ބިލްތައް، ފަސް މިލިއަނާ ހަމައަށް ނާރާ، ފަސް މިލިއަނުން ދަށުގެ ބިލެއް ވިއްޔާ 2 ހަފްތާއަށް ވުރެ ގިނަ ދުވަސްވެފައި ހުރި ނަމަ ފައިސާ ދީ ނިންމާފައި." ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވި ގޮތުގައި މިފަދަ ބިލްތަކަށް މިދިޔަ ހަފުތާގައި އެކަނި ވެސް 501 މިލިއަން ރުފިޔާ ޖަމާކޮށްދީފައިވެއެވެ. މިއީ ސަރުކާރުން ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ކުރުވާފައިވާ އެކި މަސައްކަތްތަކަށް ދޫކުރި ފައިސާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން، މި ސަރުކާރު އައި ފަހުން އެފަދަ ފަރާތްތަކަށް 6.6 ބިލިއަން ރުފިޔާ ދޫކޮށްފައިވާ ކަމަށް ރައީސް ހާމަކުރެއްވިއެވެ. "މިދިޔަ 51 ހަފުތާއާ ދެ ދުވަސް ތެރޭގައި ޖުމްލަކޮށް 6.6 ބިލިއަން ރުފިޔާ އެސްއޯއީތަކަކަށް ނޫނޭ، އާންމު ކުދި މެދު ފަންތީގެ ވިޔަފާރިތައް ލައްވައި ސަރުކާރުން ކޮށްފައިވާ މަސައްކަތްތަކަށް ދިން ފައިސާ." އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ވިދާޅުވީ، މި ސަރުކާރު މަސައްކަތް ކުރަނީ ރައްޔިތުން މުއްސަނދި ކުރަމުން، އެ މީހުންނަށް ދޭންޖެހޭ ފައިސާ ދެމުން އަދި ރައްޔިތުންނަށް ލިބެންޖެހޭ ފައިސާ ވެސް ހޯދައިދިނުމަށް ކަމަށެވެ. އެގޮތުން ދައުލަތަށް ލިބެންޖެހޭ ފައިސާގެ ތެރެއިން 3.7 ބިލިއަން ރުފިޔާ ހޯދާފައިވާކަންވެސް ރައީސް ފާހަގަކުރެއްވިއެވެ.
މީގެ އިތުރުން، ރާއްޖޭގެ އިޤްތިޞާދު ވަރުގަދަ ކުރުމަށް ތަފާތު އެކި މަސައްކަތްތައް ކުރަމުން އަންނަ ކަމަށާއި، އޭގެ ތެރޭގައި ޗައިނާ އާއި އިންޑިއާ އެކު ސޮއިކުރެވުނު އެކި އެއްބަސްވުންތައް ހިމެނޭ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.
ރައީސްގެ ވާހަކަފުޅުގައި، ބަންކަރިން ސާވިސް ފަށާފައިވާ ކަމަށާއި، އިންޓަނޭޝަނަލް ފައިނޭންސިން ސާވިސް އޮތޯރިޓީއެއް ޤާއިމްކޮށް އެކަމުގެ ބިލު ވަރަށް އަވަހަށް މަޖިލީހަށް ފޮނުއްވާނެ ކަމަށްވެސް ވިދާޅުވިއެވެ. މިކަމުގެ ސަބަބުން އިތުރު އިޤްތިޞާދީ ދާއިރާއެއް އުފަންވާނެ ކަމަށާއި، ޑިޖިޓަލް ކަރަންސީ ތަޢާރަފްކުރުމުން ވެސް އިޤްތިޞާދަށް ފައިދާވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
އެކުވެރި ޤައުމުތަކާއެކު ހަދާފައިވާ ފްރީ ޓްރޭޑް އެގްރީމަންޓުތަކާއި އެއާޕޯޓު މަޝްރޫޢުގެ ސަބަބުން އިޤްތިޞާދަށް ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށްވެސް ރައީސް ފާހަގަކުރެއްވިއެވެ. އަދި ބާރު ސްޕީޑުގައި އިޤްތިޞާދީ އެޖެންޑާ ތަންފީޒުކުރަމުން އަންނަ ކަމަށާއި، އެއާއެކު ބޮޑު ކުރިއެރުމެއް ލިބޭނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް އިތުރަށް ހާމަކުރެއްވި ގޮތުގައި، މި ސަރުކާރު ހަވާލުވިއިރު ސޮވެރިން ޑިވެލޮޕްމަންޓް ފަންޑުގައި ހުރީ ދެ މިލިއަން ޑޮލަރު ނަމަވެސް، މިހާރު އެ ފަންޑަށް 78 މިލިއަން ޑޮލަރު ޖަމާކޮށްފައިވާ ކަމަށެވެ. އެކި ބޭނުންތަކަށް އެ ފަންޑުން ފައިސާ ނަގައި އަދި ޖަމާކުރަމުން އަންނަ ކަމަށާއި، އެ ފަންޑުގައިވާ ފައިސާ އިތުރުކުރަން ވެސް މަސައްކަތް ކުރަމުން އަންނަ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.









