ޑްރަގް އަތުލެވުނު ޢަދަދު %60 އިތުރުކުރެވިފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.
ޖުމްހޫރީ ދުވަހުގެ ރަސްމީ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ އިންފްރާސްޓްރަކްޗަރ އަކީ މި އަންނަ އަހަރު ވަރަށް ބޮޑު އިސްކަމެއް ދެވޭ ދާއިރާއަކަށް ވެގެންދާނެ ކަމަށާއި މި މުޖުތަމަޢުއަކީ ހިތްހަމަޖެހިގެން އުޅެވޭ ތަނަކަށް ވާން ޖެހޭއިރު، އަތް ލާން ނުކެރިފައި ހުރި އެތައް މައްސަލަތަކެއް މުޖުތަމަޢުގެ ތެރެއިން ފެންނަ ކަމަށެވެ. އެގޮތުން ޑްރަގުގެ މައްސަލައާއި ގޭންގުތަކުގެ މައްސަލަ ފާހަގަކުރައްވާ ރައީސް ވިދާޅުވީ ކިތަންމެ ވަރަކަށް ޢިމާރާތް ހަދައި، އިންފްރާސްޓްރަކްޗަރ ކުރިއަށްގެންދިޔަ ނަމަވެސް އެފަދަ މައްސަލަތައް ޙައްލު ނުވާނަމަ މި ޤައުމަށް ހަމަޖެހުން ނުލިބޭނެ ކަމަށެވެ.
ރައީސް ވިދާޅުވީ އެފަދަ މައްސަލަތައް ޙައްލުކުރުމަށްޓަކައި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓްރީ މެދުވެރިކޮށް ވަރަށް ގިނަ މަސައްކަތްތަކެއް ފަށާފައިވާ ކަމަށެވެ. އެގޮތުން މި ނިމިގެންދާ އަހަރުގެ ތެރޭގައި، ކުރީ އަހަރުތަކާ އަޅާ ބަލާއިރު ޑްރަގް އަތުލެވުނު ޢަދަދު %60 އިތުރުކުރެވިފައިވާކަމަށް ރައީސް ވިދާޅުވިއެވެ. އަދި ރާ އަތުލެވޭ ޢަދަދު %120 އިތުރުކޮށްފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މި ސަރުކާރުގެ އަމާޒަކީ ދިވެހި މުޖުތަމަޢުން އެފަދަ ނުބައި ޢަމަލުތައް ފިލުވައިލުން ކަމަށެވެ. އަދި ކުރިއަށް އޮތް ތަނުގައި ކެޕޭސިޓީ އިތުރުކޮށްގެން މި މައްސަލަތައް އިތުރަށް ޙައްލުކުރައްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.
މީގެ އިތުރުން ރައީސް ވިދާޅުވީ މަގުމަތީގައި ހިނގާ ފުރާނައަށް ނުރައްކާވާފަދަ އެކްސިޑެންޓުތައް %33 ކުޑަކުރެވިފައިވާ ކަމަށެވެ. އެއާއެކު، ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި މަސައްކަތް ކުރަމުން އަންނަ ބިދޭސީން ހޯދައި، އެމީހުން ބޭރަށް ފޮނުވުން ނުވަތަ ސިސްޓަމުގެ ތެރެއަށް ވެއްދުމުގެ މަސައްކަތުގެ ތެރެއިން މިހާތަނަށް 136 ރަށެއްގައި ސަރުކާރާއި ސަރުކާރު މުއައްސަސާތަކުގެ ޓީމުތައް މަސައްކަތް ކޮށް، ޤަވާޢިދާ ޚިލާފަށް އުޅޭ 10,000 އަށް ވުރެ ގިނަ މީހުން ހޯދައި އެމީހުންގެ މަޢުލޫމާތުތައް ނަގާފައިވާކަން ރައީސް ފާހަގަކުރެއްވިއެވެ.
ރައީސް ވިދާޅުވީ އަންނަ އަހަރުގެ އެޕްރީލް މަހުގެ ނިޔަލަށް ޤަވާޢިދާ ޚިލާފަށް ރާއްޖޭގައި އުޅޭ ހުރިހާ ބިދޭސީންގެ މަޢުލޫމާތު ސިސްޓަމަށް ނަގާ ނިމޭނެ ކަމަށެވެ. މި މަސައްކަތުގެ ތެރެއިން އެއް އަހަރު ތެރޭގައި 4,728 މީހުން ޑީޕޯޓުވެސް ކުރެވިފައިވާކަން ފާހަގަކުރައްވާ ރައީސް ވިދާޅުވީ މިއީ ރެކޯޑު ޢަދަދެއް ކަމަށެވެ.









